"ބްލެކް ވިޑޯ" ރިލީޒްކުރުން ފަސްކޮށްފާނެ

ކޮވިޑް-19 އާއި ގުޅިގެން، ފިލްމް "ބްލެކް ވިޑޯ" ރިލީޒްކުރާ ތާރީހު އަނެއްކާވެސް ފަސްކުރާނެ ކަމަށް ބެލެވޭ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާއި ގުޅިގެން، ފިލްމް "ބްލެކް ވިޑޯ" ރިލީޒްކުރާ ތާރީހަށް މީގެ ކުރިންވެސް ބަދަލުތަކެއް ގެނެސްފައިވެއެވެ. އެގޮތުން މިއަހަރުގެ މެއި މަހުގެ ތެރޭގައި މި ފިލްމް ރިލީޒްކުރަން ހަމަޖެއްސުމަށްފަހު، ފިލްމް ރިލީޒްކުރާ ތާރީހު މި އަހަރުގެ ނޮވެމްބަރު މަހުގެ ހަވަނަ ދުވަހަށް ފަސްކުރިއެވެ. ނަމަވެސް އެތާރީހު އަނެއްކާވެސް ފަސްކުރާނެ ކަމަށް މިވަނީ ބެލެވިފައެވެ.

ކޮވިޑް-19 ގެ މި ހާލަތުގައި ބައެއް ގައުމުތަކުގައި ސިނަމާތައް ހުޅުވަމުން ދިޔަ ނަމަވެސް، ސިނަމާތަކަށް ދިއުމަށް އެންމެން ތައްޔާރެއް ނޫނެވެ. އޭގެ އިތުރުން މީގެ ހަފުތާތަކެއް ކުރިން ރިލީޒްކުރި ވޯނާ ބްރަދާޒްގެ ފިލްމް "ޓެނެޓް" އަށް ބޮކްސް އޮފީހުގައި ލިބިފައިވަނީ އެވަރެޖް އާމްދަނީއެކެވެ.

އެފަދަ ކަންކަމަށް ރިއާޔަތްކޮށް، ފިލްމް "ބްލެކް ވިޑޯ" ރިލީޒްކުރުން ފަސްކުރާނެ ކަމަށް ބެލެވޭ ކަމަށް މުނިފޫހިފިލުވުމުގެ ޚަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ވަނީ ރިޕޯޓްކޮށްފައެވެ. އެގޮތުން ޑިސެމްބަރު މަހަށް ނުވަތަ އަންނަ އަހަރުގެ ފެބްރުއަރީ މަހަށްވެސް، ފިލްމް ރިލީޒްކުރުން ފަސްކޮށްފާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.