މިފަހަރު ވިލް ސްމިތުގެ އެކްޝަން ކޮމެޑީ ފިލްމެއް

"ބޭޑް ބޯއީސް" ފްރެންޗައިސްގެ ތިންވަނަ ފިލްމު، "ބޭޑް ބޯއީސް ފޯ ލައިފް" ގެ ޓްރެއިލާ އާންމުކޮށްފިއެވެ. މި ފްރެންޗައިޒްގެ ކުރީގެ ފިލްމްތަކެކޭ އެއްފަދައިން މި ފިލްމުންވެސް ލީޑް ރޯލުން ފެނިގެންދަނީ ވިލް ސްމިތު އާއި މާޓިން ލައުރެންސެވެ.

ނުރައްކާތެރި މަސައްކަތެއްގައި އުޅޭއިރު ދިމާވާ މަޖާ ކަންތައްތަކެއް ގެނެސްދޭ މި ފިލްމްގެ ޓްރެއިލާ ފެށިގެން ދިޔައީ ވަރަށް ސީރިއަސްކޮށެވެ. ނަމަވެސް ކުޑއިރުކޮޅެއްގެ ތެރޭގައި މި ދެތަރިން ވަނީ ބެލުންތެރިން ހެއްވާލާފައެވެ.

"ބޭޑް ބޯއީސް" ގެ ފުރަތަމަ ފިލްމް ނެރުނީ 1995 ވަނަ އަހަރުއެވެ. ދެވަނަ ފިލްމް ނެރުނީ 2003 ވަނަ އަހަރުއެވެ. މި ފްރެންޗައިޒްގެ ތިން ވަނަ ފިލްމް މި ނުކުންނަނީ އޭގެ 17 އަހަރު ފަހުންނެވެ. މި ފިލްމް ހެދުން ލަސްވީ ކުރީ ދެ ފިލްމަށް ވުރެން ރަނގަޅު ކުރަން ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކުރީގެ ދެ ފިލްމެކޭ އެއްގޮތަށް މި ފިލްމުގައިވެސް މަޖާ ކަންކަމާއެކު އެކްޝަން ބައި ފެންނާނެއެވެ. ފިލްމްގެ މައި ދެ ކެރެކްޓާއަކީ ދެ ފުލުހުންނެވެ.

މި ފިލްމް ޑައިރެކްޓްކޮށްފައި ވަނީ އަދިލް އެލް އަރބީ އާއި ބިލާލް ފައްލާހެވެ. ފިލްމް ޕްރޮޑިއުސްކޮށްފައިވަނީ ޖެރީ ބަކްހައިމަރ އާއި ވިލް ސްމިތެވެ. މި ފިލްމް އުފައްދަން ނިންމާ އެކަން އިއުލާނު ކުރީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުއެވެ. މި ފިލްމް ރިލީޒްކުރާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 17 ވަނަ ދުވަހުއެވެ.