ސިނަމާތަކަށް ދާން އަދިތި ކެތްމަދުވެފައި

ސިނަމާތަކަށް އެނބުރި ދިއުމަށް ކެތްމަދުވެފައިވާ ކަމަށް ބަތަލާ އަދިތި ރާއޯ ހައިދަރީ ބުނެފިއެވެ.

އަދިތި ރާއޯ ބުނި ގޮތުގައި ލޮކްޑައުން ތެރޭގައި އެންމެ ގާތް އެކުވެރިޔަކީ އޯޓީޓީ ޕްލެޓްފޯމްތަކެވެ. މޮޅު އުފެއްދުންތަކެއް، އޯޓީޓީ ޕްލެޓްފޯމްތައް މެދުވެރިކޮށް ބެލުންތެރިންނަށް ގެނެސްދެވިފައިވާ ކަމަށް އޭނާ ބުންޏެވެ.

އުމުރުން 34 އަހަރުގެ ބަތަލާ ބުނީ މީހުން މުނިފޫހިފިލުވައިދިނުމުގައި އޯޓީޓީ ޕްލެޓްފޯމްތައް ރަނގަޅު ދައުރެއް އަދާކުރި ކަމަށެވެ. ނަމަވެސް ބޮޑު ސްކްރީން ވަރަށް ހަނދާންވާ ކަމަށާއި ބޮޑު ސްކްރީންގައި "ޖާދުލެއް" ވާ ކަމަށް އޭނާ ބުންޏެވެ.

އޯޓީޓީ ޕްލެޓްފޯމްތަކުގެ ސަބަބުން ޑައިރެކްޓަރުންނާއި ލިޔުންތެރިންނާއި ފިލްމީ ދާއިރާގެ އެންމެންނަށް މުޅިން އާ ދުނިޔެއެއް ހުޅުވިގެން ދިޔަ ކަމަށާއި ކޮންމެވެސް ދުވަހަކުން ސިނަމާތަކާ އެއް ދަރަޖައަށް އޯޓީޓީ ޕްލެޓްފޯމްތައް އަންނާނެ ކަމަށް އެނާ ބުންޏެވެ.