ޕްރިޔަންކާ ޗޯޕްރާ

ފަންޑަށް 3 މިލިއަން ޑޮލަރު ހޯދަން އަމާޒު ހިފައިފި

ޕްރިޔަންކާ ޗޯޕްރާ އާއި އޭނާގެ ފިރިމީހާ ނިކް ޖޯނަސް ކުރިއަށް ގެންދާ "ޓުގެދާ ފޮ އިންޑިއާ" ކޮވިޑް-19 ރިލީފް ފަންޑަށް ތިން މިލިއަން އެމެރިކާ ޑޮލަރު ހޯދުމަށް އަމާޒު ހިފައިފިއެވެ.

ގިވް އިންޑިއާއާ ގުޅިގެން ޕްރިޔަންކާ އަދި ނިކް ކުރިއަށްގެންދާ "ޓުގެދާ ފޮ އިންޑިއާ" ފަންޑްރައިޒްއަށް މިހާތަނަށް އެއް މިލިއަން އެމެރިކާ ޑޮލަރު (ގާތްގަނޑަކަށް 7.5 ކްރޯޑް ރުޕީސް) ވަނީ އެއްކޮށްފައެވެ. އެ ފައިސާއަށް އޮކްސިޖަން ސިލިންޑަރު އަދި އޮކްސިޖަން ކޮންސެންޓްރޭޓާ ވަނީ ހޯދާފައެވެ.

ކުރިއަށްވެސް ގިނަ ކަންތައްތަކެއް ކުރަން ހުރުމުން، ފަންޑްރައިޒްގެ އަމާޒު ތިން މިލިއަން އެމެރިކާ ޑޮލަރަށް އިތުރުކޮށްފައިވާ ކަމަށް ޕްރިޔަންކާ ވަނީ ބުނެފައެވެ.

މިފަހަރު ބޮޑަށް ސަމާލުކަންދޭނީ އިންސާނީ އެހީތެރިކަމުގެ ޕްރޮގްރާމްތަކަށް ކަމަށް ޕްރިޔަންކާ ވަނީ ބުނެފައެވެ. އޭގެ ތެރޭގައި ކައްކާފައި ހުންނާ ކާނާ ފޯރުކޮށްދިނުން ހިމެނޭ ކަމަށް ޕްރިޔަންކާ ބުނެފައިވެއެވެ.

ޓުގެދާ ފޮ އިންޑިއާގެ ދަށުން 500 އޮކްސިޖަން ކޮންސެންޓްރޭޓާ އަދި 422 އޮކްސިޖަން ސިލިންޑަރު ވަނީ ހޯދާފައެވެ. މި ފަންޑްގެ ދަށުން، ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި 6000 މީހަކަށް ވެކްސިން ދެވިގެންދާނެއެވެ.