ސްޕައިސްޖެޓްގެ ފްލައިޓެއްގެ ލިވެރީ ސޯނޫއަށް ހާއްސަކޮށްފައި

ފްލައިޓެއްގެ ލިވެރީ ސޯނޫއަށް ހާއްސަކުރީ ކީއްވެކަން އެނގޭތަ؟

ސްޕައިސްޖެޓްގެ މަތިންދާބޯޓެއްގެ ލިވެރީ، އިންޑިއާގެ އެކްޓަރު އަދި ޕްރޮޑިއުސަރު ސޯނޫ ސޫދަށް ހާއްސަކޮށްފިއެވެ.

އިންޑިއާގެ ސްޕައިސްޖެޓުން އެ އެއާލައިންގެ ފްލައިޓެއްގެ ލިވެރީ، ސޯނޫ ސޫދަށް ހާއްސަކުރީ އޭނާ ކޮވިޑް-19 ގެ ބަލިމަޑުކަމުގައި މީހުންނަށްވެފައިވާ އެހީ ފާހަގަކުރުމުގެ ގޮތުންނެވެ.

ސްޕައިސްޖެޓުން ބުނީ ބަލިމަޑުކަމުގެ ތެރޭގައި އާއިލާ ގާތަށް ނުދެވިފައި ތިބި މީހުންނަށް އާއިލާ ގާތަށް ދިއުމަށް ސޯނޫ އެހީވެފައިވާ ކަމަށެވެ. އޭގެ އިތުރުން އާއިލާތަކަށް ކާނާ ފޯރުކޮށްދިނުމުގައިވެސް ސޯނޫ އެހީވެފައިވާކަން ސްޕައިސްޖެޓުން ފާހަގަކޮށްފައިވެއެވެ.

ސޯނޫއަށް ހާއްސަކޮށް ލިވެރީ ހަދާފައިވަނީ ބޮއިންގް 737 ގެ މަތިންދާބޯޓެއްގައެވެ.

އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ސޯނޫ ބުނީ ފްލައިޓެއްގެ ލިވެރީ އޭނާއަށް ހާއްސަކުރިކަން އެނގުނީ ސޯޝަލް މީޑިއާގައި އޭނާގެ ފޭނުންގެ ފަރާތުން ކަމަށެވެ.