2019 ވަނަ އަހަރު ރިލީޒްކުރި "ނައިވްސް އައުޓް" ގެ މަންޒަރެއް

"ނައިވްސް އައުޓް" ގެ ސީކުއެލް އެއް އުފައްދަނީ

އެމެރިކާގެ ފިލްމް އުފެއްދުންތެރިޔާ، ރިއަން ޖޯންސް ޑައިރެކްޓްކޮށް މިދިޔަ އަހަރު ރިލީޒްކުރި "ނައިވްސް އައުޓް" ގެ ސީކުއެލް ފިލްމެއް އުފައްދާނެކަން އިއުލާނުކޮށްފިއެވެ.

އެ ފިލްމްގެ ޑިސްޓްރިބިއުޓާ ކަމަށް "ލަޔަންގޭޓްސް" ގެ ސީއީއޯ ޖޮން އާއި ފިލްމް ޑައިރެކްޓްކުރި ރިއަން ޖޯންސްވެސް ވަނީ "ނައިވްސް އައުޓް" ގެ ސީކުއެލް އުފައްދާނެ ކަން ހާމަކޮށްފައެވެ.

ސީކުއެލް ފިލްމުން ތަފާތުތަކެއް ފެނިގެން ހިނގައިދާނެ ކަމުގެ އިޝާރާތެއް، ފިލްމް އުފައްދާ ފަރާތުން ވަނީ ދީފައެވެ. އެގޮތުން ކުރީގެ ވާހަކަ އާއި މިފަހަރުގެ ވާހަކައިގައި ބޮޑެތި ތަފާތުތަކެއް ހުރެދާނެ ކަމަށާއި ކާސްޓުންވެސް ބަދަލުވެދާނެ ކަމުގެ އިޝާރާތެއް ވަނީ ދީފައެވެ.  ސީކުއެލް ފިލްމްގެ މަސައްކަތް ފަށާނެ ތާރީހެއް އަދި ރިލީޒްކުރާނެ ތާރީހެއްވެސް އަދި އިއުލާނެއް ނުކުރެއެވެ.

މިދިޔަ އަހަރު ރިލީޒްކުރި ފިލްމަށް ބޮކްސް އޮފީހުގައި ގާތްގަނޑަކަށް 300 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެއެވެ. އެ ފިލްމްގެ ކާސްޓުންގެ ތެރޭގައި ޑެނިއަލް ކްރެއިގް، ކްރިސް އިވާންސް، އަނާ ޑި އާމަސް ހިމެނެއެވެ.

"ނައިވްސް އައުޓް" އަކީ މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ލަޔަންގޭޓްސް އިން ނެރުނު ތިން ފިލްމްގެ ތެރެއިން އެއް ފިލްމެވެ.