ބްލެކް ޕެންތާ 2 ރިލީޒްކުރާ ތާރީހު އިއުލާނުކޮށްފި

މާވެލް ސުޕަހީރޯ ފިލްމް، "ބްލެކް ޕެންތާ 2" ގެ ނަން ހާމަކޮށް ފިލްމް ރިލީޒްކުރާ ތާރީހު އިއުލާނުކޮށްފިއެވެ.

މި ފިލްމަށް ދީފައިވާ ނަމަކީ "ބްލެކް ޕެންތާ: ވަކަންޑާ ފޮއެވާ" އެވެ. މިހާރު ހަމަޖެހިފައިވާ ގޮތުން މާވެލް ސްޓޫޑިއޯސްގެ މި ފިލްމް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖުލައި މަހުގެ އަށްވަނަ ދުވަހުއެވެ.

"ބްލެކް ޕެންތާ" ގެ ފުރަތަމަ ފިލްމް ރިލީޒްކޮށްފައިވަނީ 2018 ވަނަ އަހަރުއެވެ. އެ ފިލްމްގައި ބްލެކް ޕެންތާގެ ރޯލު ކުޅުނު އެކްޓަރު ޗާޑްވިކް ބޯޒްމަން ވަނީ ކެންސަރު ބަލީގައި މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި މަރުވެފައެވެ.

"ބްލެކް ޕެންތާ" ގެ ދެވަނަ ފިލްމުން، ޗާޑްވިކް ޑިޖިޓަލްކޮށް ފެނިގެންދާނެ ކަމަށް މީގެ ކުރިން ވަނީ އަޑުފެތުރިފައެވެ. ނަމަވެސް ފިލްމްގެ އެގްޒެކެޓިވް ޕްރޮޑިއުސަރު އަލޯންސޯ ވިކްޓޯރިއާ ވަނީ އެކަން މީގެ ކުރިން ދޮގުކޮށްފައެވެ.

ބޮކްސް އޮފީހުގައި ބްލެކް ޕެންތާގެ ފުރަތަމަ ފިލްމަށް 1.34 ބިލިއަން ޑޮލަރު ލިބުނެވެ.