ފިލްމް ގަލީ ބޯއީގެ މަންޒަރެއް

އޮސްކާއަށް ވާދަކުރަން ލީ "ގަލީ ބޯއީ" އަށްވީ ކިހިނެތް؟

ޒޯޔާ އަހްތަރު ޑައިރެކްޓްކޮށް، ރަންވީރް ސިންގް އަދި އާލިއާ ބަޓް ލީޑް ރޯލުން ފެނިގެންދާ ފިލްމް "ގަލީ ބޯއީ" އަކީ މިއަހަރު ރިލީޒްކުރި ފިލްމްތަކުގެ ތެރެއިން އެންމެ ގިނަ ބައެއްގެ ލޯބި ލިބުނު އެއް ފިލްމެވެ. ފިލްމްގެ ބެލުންތެރިންނާއި ފިލްމް ކްރިޓީކުންގެ ފަރާތުންވެސް ފިލްމަށް ވަނީ ތައުރީފު ލިބިފައެވެ.

އޮސްކާގައި އިންޑިއާގެ ފިލްމެއްގެ ގޮތުގައި ވާދަކުރާނީ "ގަލީ ބޯއީ" ކަން އިއުލާނު ކުރުމާއެކު، ފިލްމްގެ ކްރޫން ތިބީ ވަރަށް އުފަލުންނެވެ. ނަމަވެސް 92 ވަނަ އޮސްކާގެ ކެޓަގަރީތަކާއި ޝޯޓްލިސްޓް ފިލްމްތައް އިއުލާނުކުރިއިރު "ގަލީ ބޯއީ" ނޮމިނޭޓެއް ނުވެއެވެ.

އޮސްކާގައި ނުވަ ކެޓަގަރީއަކުން ޝޯޓްލިސްޓްވެފައިވާ ފިލްމްތައް މިހާރު ވަނީ އިއުލާނުކޮށްފައެވެ. މިފަހަރު އޮސްކާ އެވޯޑް ދޭ ކެޓަގަރީތަކަކީ:، ޑޮކިއުމެންޓަރީ ފީޗާ، ޑޮކިއުމެންޓަރީ ޝޯޓް ސަބްޖެކްޓް، އިންޓަނޭޝަނަލް ފިޗާ ފިލްމް، މޭކްއަޕް އެންޑް ހެއާ ސްޓައިލިންގް، މިއުޒިކް (އޮރިޖިނަލް ސްކޯ)، މިއުޒިކް (އޮރިޖިނަލް ސޯންގް)، އެނިމޭޓެޑް ޝޯޓް ފިލްމް، ލައިވް އެކްޝަން ޝޯޓް ފިލްމް އަދި ވިޒުއަލް އިފެކްޓްސް ދާއިރާއިންނެވެ.

އިންޓަނޭޝަނަލް ފީޗާ ފިލްމް ކެޓަގަރީ އިން މިފަހަރު ނޮމިނޭޓްވެފައިވާ ފިލްމްތަކުގެ ތެރޭގައި ޗެކް ރިޕަބްލިކްގެ "ދަ ޕެއިންޓެޑް ބާޑް" އާއި އެސްޓޯނިއާގެ "ޓްރޫތު އެންޑް ޖަސްޓިސް" އާއި ސެނެގާލްގެ "އެޓްލާންޓިކްސް" އާއި ރަޝިޔާގެ "ބީންޕޯލް" އާއި ހަންގޭރީގެ "ދޯޒް ހޫ ރިމެއިންޑް" ފަދަ ފިލްމްތައް ހިމެނެއެވެ.

މިހާތަނަށް އިންޑިއާގެ ފިލްމަކަށް އޮސްކާގެ އެވޯޑެއް ލިބިފައިނުވެއެވެ. އޮސްކާގެ އެވޯޑެއްގެ ގަދަ ފަހެއްގައި އެންމެ ފަހުން ނޮމިނޭޓްވި އިންޑިއާގެ ފިލްމަކީ "ބެސްޓް ފޮރިން ފިލްމް" ކެޓަގަރީން 2001 ވަނަ އަހަރު ފިލްމް "ލަގާން" އެވެ. 1958 ވަނަ އަހަރުގެ ފިލްމް "މަދާ އިންޑިއާ" އާއި 1989 ވަނަ އަހަރުގެ ފިލްމް "ސަލާމް ބޮންބޭ" އަކީވެސް އޮސްކާއަށް ނޮމިނޭޓްވި އިންޑިއާގެ ދެ ފިލްމެވެ.

އޮސްކާ ހަފުލާ އޮންނާނީ ފެބްރުއަރީ ނުވަ ވަނަ ދުވަހު ލޮސް އެންޖެލްސްގައެވެ.