ސަލްމާން ޚާން

ސަލްމާން އެދެނީ ބަޑި ގެންގުޅުމުގެ ހުއްދަ

ހަތިޔާރު ގެންގުޅުމުގެ ހުއްދަ ހޯދުމަށް އެދި، ބޮލީވުޑްގެ އެކްޓަރު ސަލްމާން ޚާން، މުމްބާއީ ފުލުހުންގެ އިދާރާއަށް ގޮސްފިއެވެ.

މުމްބާއީ ފުލުހުންގެ އިދާރާއަށް ގޮސް، ސަލްމާން ވަނީ ބަޑި ގެންގުޅުމުގެ ލައިސަންސް ހޯދުމަށް އެދިފައެވެ.

ބަޑި ގެންގުޅުމުގެ ހުއްދައަށް ސަލްމާން އެދިފައި މިވަނީ، ސަލްމާން އާއި އޭނާގެ ބައްޕައަށް ބަޔަކު މަރުގެ އިންޒާރު ދީފައިވަނިކޮށެވެ. މަރުގެ އިންޒާރުދީ ފޮނުވި ސިޓީ އޮތީ، ސަލްމާންގެ ބައްޕަ ހިނގަން ނިކުމެ އުޅޭ ސަރަހައްދުގައި ހުރި ބެންޗެއްގެ މަތީގައެވެ. އިންޑިއާގެ ޕަންޖާބުގެ ރެޕާ، ސީދޫއަށް ކޮށްލިވަރު، ސަލްމާން އާއި އޭނާގެ ބައްޕައަށް ކޮށްލާނެ ކަމަށް އެ ސިޓީގައި އިންޒާރުދީފައިވެއެވެ. ސީދޫ މަރުވީ ބަޔަކު ދިން ބަޑީގެ ހަމަލާތަކެއްގައެވެ.

ސީދޫގެ މަރަށްފަހު، ސަލްމާން ޚާނަށް މަރުގެ އިންޒާރު ލިބެމުންދާއިރު، އޭނާގެ ސެކިއުރިޓީ ވަނީ ވަރުގަދަކޮށްފައެވެ.

ބަޑި ބޭނުންކުރުމުގެ ހުއްދައަށް އެދެމުން ސަލްމާން ބުނެފައިވަނީ އޭނާ ބަޑި ބޭނުންކުރުމުގެ ހުއްދައަށް އެދެނީ ކުރިމަތިވާ ނުރައްކާތަކުން އާއިލާ ސަލާމަތް ކުރުމަށް ކަމަށެވެ.