އަރަބި ޑައިލޮގްތަކުގެ ސަބްޓައިޓަލް އަރުވަނީ

ސާޖިދު ނަދިއަދުވާލާ ޕްރޮޑިއުސްކޮށް، އަހުމަދު ޙާން ޑައިރެކްޓްކުރާ "ބާގީ 3" އަކީ ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ފިލްމެކެވެ. މި ފިލްމަކީ ސީރިއާގައި ހަރަކާތްތެރިވާ ޓެރަރިސްޓް ޖަމާއަތެއްގެ ވާހަކަ ކިޔައިދޭ ފިލްމަކަށްވާއިރު، ފިލްމްގައި އެ ޖަމާއަތުގެ ކެރެކްޓާތައް ވާހަކަ ދައްކަނީ އަރަބި ބަހުންނެވެ.

އަރަބި ބަހުން ޑައިލޮގްތައް ހުރުމުން، އިންޑިއާގެ ބައެއް ފިލްމް ޑިސްޓްރިބިއުޓަރުން ދަނީ ކަންބޮޑުވުންފާޅު ކުރަމުންނެވެ.

"އަރަބި ބަހުގެ ޑައިލޮގްތައް، ބަހުން ބަހަށް އިނގިރޭސި ބަހުން އަދި ހިންދީ ބަހުން ސަބްޓައިޓަލްސް އަރުވާނެ." ފިލްމްގެ ޑައިރެކްޓަރު އަހުމަދު ޙާން ބުންޏެވެ.

ހޮލީވުޑްގައި ނެރޭ ގިނަ ފިލްމްތައް އިންޑިއާގައިވެސް ރިލީޒްކުރާއިރު، ފިލްމްތައް ހިންދީ ބަހުން ޑަބްކުރުމުން، އޭގެ ނޭދެވޭ އަސަރު ގިނަ ފިލްމްތަކަކަށް ކުރިއެވެ.

މިސާލު ދައްކަމުން އަހުމަދު ޙާން ވަނީ "ޖޯކާ" އަކީ ހިންދީ ބަހުން ވާހަކަ ދައްކާ ކެރެކްޓާއަކަށްވި ނަމަ ދެން ކަންތައްވާނެ ގޮތް ވިސްނާލުމަށް އެދިފައެވެ.

"ބާގީ 3" އިން ފެނިގެންދާ ކާސްޓުންގެ ތެރޭގައި ޓައިގާ ޝްރޮފް އާއި ޝްރައްދާ ކަޕޫރު އަދި ރިތޭޝް ދޭޝްމުކް ހިމެނެއެވެ. ފިލްމްގެ ޓްރެއިލާ ދައްކާލާފައިވާއިރު، ޓްރެއިލާ އިން ފެނިގެންދަނީ ޓެރަރިސްޓް ބަޔަކާއި ރޯނީ (ޓައިގާ) ކުރިމަތިލާ ތަނެވެ.

މި ފިލްމަކީ ރޯނީ (ޓައިގާ) އާއި އޭނާގެ ބޭބެ ވިކްރަމް (ރިތޭޝް) ގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. ޓެރަރިސްޓް ޖަމާއަތަކުން ވިކްރަމް ވަގަށް ނެގުމުން، އެ ޖަމާއަތުގެ ކިބައިން ބަދަލު ހިފުމަށް ރޯނީ ކުރާ މަސައްކަތް ފިލްމުން ދައްކުވައިދެއެވެ.