ޝްރައްދާ ކަޕޫރު

ފިލްމްގެ ސެޓްގައި އުޅެނިކޮށް ޝްރައްދާއަށް އަނިޔާވެއްޖެ

ފިލްމް "ސްޓްރީޓް ޑާންސާ 3ޑީ" ގެ އެކްޓްރެސް، ޝްރައްދާ ކަޕޫރުގެ ފަޔަށް އަނިޔާވެއްޖެއެވެ. ޝްރައްދާ ކަޕޫރުގެ ފަޔަށް އަނިޔާވީ، ފިލްމްގެ ސެޓްގައި ނެށުމުގެ މަންޒަރުތަކަކަށް ފަރިތަކުރަމުންދަނިކޮށް ފައި އެނބުރުމުގެ ސަބަބުންނެވެ.

ފަޔަށް އަނިޔާވުމާއި ގުޅިގެން، ފިޒިއޯތެރަޕިސްޓަކު ޝްރައްދާއަށް ފަރުވާދޭ މަންޒަރު ފެންނަ ވީޑިއޯ ކޮޅެއް ޝްރައްދާ ވަނީ އޭނާގެ އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ. އެ ވީޑިއޯކޮޅާއެކު ޝްރައްދާ ބުނެފައިވަނީ އެންމެ ފުރަތަމަ އަނިޔާވީ ކަރަށާއި ކޮނޑަށް ކަމަށާއި މިފަހަރު އަނިޔާވީ ފައިގެ ހުޅަށް ކަމަށެވެ. އެ ހުރިހާ ވަގުތެއްގައިވެސް އެ ފިޒިއޯތެރަޕިސްޓް ގާތުގައި ހުރެ ދިން ފަރުވާއަށް ޝްރައްދާ ވަނީ ޝުކުރު އަދާކޮށްފައެވެ.

ޝްރައްދާ ކަޕޫރާއި ވަރުން ދަވަން ލީޑް ރޯލް ކުޅޭ "ސްޓްރީޓް ޑާންސާ 3ޑީ" އަކީ ރެމޯ ޑި ސޫޒާ ޑައިރެކްޓްކުރާ ފިލްމެކެވެ.

ބޮލީވުޑްގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން މި ފިލްމަކީ ރެމޯ ޑި ސޫޒާ އުފެއްދި ފިލްމް "އެނީބަޑީ ކޭން ޑާންސް (އޭބީސީޑީ) ގެ ތިންވަނަ ބައެވެ. ޝްރައްދާ އާއި ވަރުން އަކީ، ރެމޯ ޑި ސޫޒާ 2015 ވަނަ އަހަރު ގެނެސްދިން ފިލްމް "އޭބީސީޑީ 2" ގެ ލީޑް ދެ ތަރިންނެވެ.

ޓީ-ސީރީޒް އާއި ޔަޝް ރާޖް ފިލްމްސް އިން އުފައްދާ ފިލްމް "ސްޓްރީޓް ޑާންސާ 3ޑީ" ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުއެވެ.