ރިޝީ ކަޕޫރާއި ނީތޫ ކަޕޫރު

ކެންސަރަށް ފަރުވާ ހޯދަމުންދިޔަ ރިޝީ އެނބުރި ގައުމަށް

އެމެރިކާގައި ކެންސަރަށް ފަރުވާ ހޯދަމުންދިޔަ، އިންޑިއާގެ ފިލްމް ޑައިރެކްޓަރު، ޕްރޮޑިއުސަރު އަދި އެކްޓަރު ރިޝީ ކަޕޫރު އެނބުރި އިންޑިއާއަށް ހިނގައްޖެއެވެ.

ރިޝީ ކަޕޫރު ކުރި ޓްވީޓެއްގައި ބުނެފައިވަނީ 11 މަހާއި 11 ދުވަހަށްފަހު އެނބުރި ގައުމަށް އާދެވިފައިވާ ކަމަށާއި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރާ ކަމަށެވެ. އިންޑިއާގެ ނޫސްތަކުން ވަނީ ރިޝީ ކަޕޫރާއި އޭނާގެ އަންހެނުން ނީތޫ ކަޕޫރު، އެއާޕޯޓުގައި ހުއްޓާ ނަގާފައިވާ ފޮޓޯއެއް އާންމުކޮށްފައެވެ.

މީގެ ކުރިން އިންޑިއާގެ ބައެއް ނޫސްތަކަށް މައުލޫމާތު ދެމުން ރިޝީ ކަޕޫރު ބުނީ އެނބުރި ގައުމަށްދާން ކެތްމަދުވެފައި ހުރި ކަމަށެވެ.

"މީހުން ހީކޮށްފާނެ ކީއްބާވައޭ އަހަރެން މި ކުރަނީ އެމެރިކާގައި މިހާ ދުވަސްވާއިރު. އަހަރެން ހަމަ (އެމެރިކާގެ) އެކި ތަންތަނަށް ގޮސް ކައި، ބޮއެ، ވިޔަފާރި ކުރުމާއި ފިލްމް ބެލުމުގައި މިއުޅެނީ. އެނބުރި ގައުމަށް ނުދެވިގެން މިއުޅެނީ ހޮސްޕިޓަލުން ބޮންޑުކޮށްފައިވާތީ" ރިޝީ ބުންޏެވެ.

ރިޝީ ކަޕޫރު ކުޅެފައިވާ ބައެއް ފިލްމްތަކުގެ ތެރޭގައި، "102 ނޮެޓް އައުޓް" އާއި "ދީވާނާ" އާއި "ލައިލާ މަޖްނޫން" ހިމެނެއެވެ.