ހޮންގް ކޮންގްގެ ސިނަމާތައް ހުޅުވާލަނީ

ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން ގިނަ ގައުމުތަކުގައި ސިނަމާތައް ހުރީ ފަޅަށެވެ. ކޮވިޑް-19 ފެތުރެމުންދާތީ ހޮންގް ކޮންގްގައި ބަންދުކުރި ސިނަމާތައް ހުކުރު ދުވަހުން ފެށިގެން ހުޅުވުމަށް މިހާރު ވަނީ ހަމަޖެހިފައެވެ.

ހޮންގް ކޮންގްގެ ސިނަމާތައް ހުޅުވުމަށް ހަމަޖެހިފައިވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކުގައެވެ. ސިނަމާތައް ހުޅުވުމުގެ ހުއްދަ ދީފައި މިވަނީ، ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ބައެއް ލުއިތައްދީފައިވާތީއެވެ.

ސިނަމާތައް އަލުން ހުޅުވާކަން އިއުލާނު ކުރެއްވީ ހޮންގް ކޮންގްގެ ޗީފް އެގްޒެކެޓިވް ކެރީ ލަމްއެވެ. ސިނަމާތައް ހުޅުވި ނަމަވެސް، ސިނަމާގެ ޖާގަ ފުރެންދެން މީހުން ނުވައްދާނެއެވެ.

މިހާތަނަށް ހޮންގް ކޮންގް އިން 1041 މީހަކަށް ކޮވިޑް-19 ޖެހިފައިވެއެވެ. އޭގެ ތެރެއިން 920 މީހަކު ބަލިން ރަނގަޅުވެފައިވާއިރު ހަތަރު މީހަކު ވަނީ މަރުވެފައެވެ. ހޮންގް ކޮންގްގައި އެއް ދުވަހާއި އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަމަށް ރެކޯޑް ކުރެވިފައިވަނީ މާޗް މަހުގެ 29 ވަނަ ދުވަހުއެވެ. އެ ދުވަހު 82 މީހަކު ހޮންގް ކޮންގް އިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވެއެވެ.