ވޮންޑަ ވުމަން 194 ގެ މަންޒަރެއް

"ވޮންޑަ ވުމަން 1984" ރިލީޒްކުރުން އަނެއްކާވެސް ފަސްކޮށްފި

ސުޕަހީރޯ ފިލްމް "ވޮންޑަ ވުމަން" ގެ ދެވަނަ ބައި، "ވޮންޑަ ވުމަން 1984" ރިލީޒްކުރުން ފަސްކޮށްފިއެވެ.

ފިލްމް ރިލީޒްކުރުން އަނެއްކާވެސް ފަސްކުރީ ކޮވިޑް-19 އާ ގުޅިގެންނެވެ. މިއީ މި ފިލްމް ރިލީޒްކުރުން ފަސްކުރި ތިންވަނަ ފަހަރެވެ. މި ފިލްމް ރިލީޒްކުރަން ފުރަތަމަ އޮތީ މިއަހަރުގެ ޖޫން މަހުއެވެ. ނަމަވެސް ކޮވިޑް-19 އާ ގުޅިގެން ފިލްމް ރިލީޒްކުރުން އޮގަސްޓް މަހުގެ 14 ވަނަ ދުވަހަށް ފަސްކުރިއެވެ. އެއަށްފަހު ދެން ފިލްމް ރިލީޒްކުރަން ކަނޑައެޅީ މިއަހަރުގެ އޮކްޓޫބަރު މަހުގެ ދެވަނަ ދުވަހުއެވެ. ނަމަވެސް މިހާރު މިވަނީ ފިލްމް ރިލީޒްކުރަން އާ ތާރީހެއް އިއުލާނުކޮށްފައެވެ.

މިދިޔަ މަހު ދައްކާލި ފިލްމްގެ ޓްރެއިލާއާއެކުވެސް ބުނެފައިވަނީ "ވޮންޑަ ވުމަން 1984" ރިލީޒްކުރާނީ އޮކްޓޫބަރު މަހުގެ ދެވަނަ ދުވަހު ސިނަމާގައި ކަމަށެވެ. ނަމަވެސް މިހާރު ހަމަޖެހިފައިވާ ގޮތުން މި ފިލްމް ރިލީޒްކުރާނީ މިއަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ.

ޕެޓީ ޖެންކިންސް ޑައިރެކްޓްކޮށްފައިވާ މި ފިލްމްގައި ވޮންޑަ ވުމަންގެ ރޯލުން ފެނިގެންދާނީ ގަލް ގެޑޯއެވެ. ސުޕަވިލަން "ޗީތާ" ގެ ރޯލުން ފެނިގެންދާނީ ކްރިސްޓެން ވިގްއެވެ.