އަކްޝޭ ކުމާރް

މޯދީގެ ފަންޑަށް އަކްޝޭ ފައިސާ ހަދިޔާ ކުރަނީ

ކޮވިޑް-19 އާ ދެކޮޅަށް ކުރާ މަސައްކަތަށް އެހީވުމުގެ ގޮތުން، އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ކެއާސް ފަންޑަށް 25 ކްރޯޑް ރުޕީސް ހަދިޔާކުރާނެ ކަމަށް ބޮލީވުޑްގެ ތަރި އަކްޝޭ ކުމާރު ބުނެފިއެވެ.

ފަންޑަށް ފައިސާ ހަދިޔާކުރާނެކަން ހާމަކޮށް، އަކްޝޭ ކުރި ޓްވީޓެއްގައި ބުނީ އަމިއްލަ ސޭވިން އިން 25 ކްރޯޑް ރުޕީސް އެ ފަންޑަށް ހަދިޔާކުރާނެ ކަމަށެވެ. އަކްޝޭ ބުނީ މިވަގުތު މުހިންމީ މީހުންގެ ފުރާނަ ކަމަށާއި އެކަމަށްޓަކައި ކުރެވެން ހުރި ހުރިހާ ކަމެއް ކުރަން ޖެހޭ ކަމަށެވެ.

މޯދީ ކުރި ޓްވީޓެއްގައި ބުނީ ފައިސާގެ އަދަދުގެ ގޮތުން ކުޑަ އެހީތައްވެސް ގަބޫލުކުރެވޭނެ ކަމަށާއި އެހީތަކުގެ ސަބަބުން ޑިޒާސްޓާ މެނޭޖްމަންޓް ކެޕޭސިޓީ ވަރުގަދަ ވެގެންދާނެ ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން އިންޑިއާ ލޮކްޑައުންކޮށްފައިވާއިރު، ކަމާބެހޭ ފަރާތްތަކުންދޭ އިރުޝާދާއި އެއްގޮތަށް އަމަލުކުރުމަށް އާންމުންގެ ކިބައިން އަކްޝޭ ވަނީ މީގެ ކުރިން އެދިފައެވެ. އަދި އެންމެންވެސް މި ދުވަސްކޮޅު ގޭގައި ތިބުމަށް އަކްޝޭ ވަނީ އެދިފައެވެ.