ޑިޒްނީ+ ގެ ސަބްސްކްރައިބަރުންގެ އަދަދު 50 މިލިއަނަށް

ވޯލްޓް ޑިޒްނީގެ ވީޑިއޯ އޮން-ޑިމާންޑް ސްޓްރީމިން ހިދުމަތް، ޑިޒްނީ+ ގެ ސަބްސްކްރައިބަރުންގެ އަދަދު 50 މިލިއަނަށް އަރައިފިއެވެ.

ޑިޒްނީ+ ލޯންޗްކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. މިއަހަރުގެ ފެބްރުއަރީ މަހުގެ ފުރަތަމަ ހަފުތާގައި ޑިޒްނީ އިން ހާމަކުރި ގޮތުގައި، އެ މުއްދަތާއި ހަމައަށް ޑިޒްނީ+ ގެ ސަބްސްކްރައިބަރުންގެ އަދަދަކީ 28 މިލިއަންއެވެ. ދިރާސާކުރާ ފަރާތްތަކުން، މީގެ ކުރިން ލަފާކޮށްގެން ތިބީ ޑިޒްނީ+ ގެ ސަބްސްކްރައިބަރުންގެ އަދަދު 50 މިލިއަނަށް އަރާނީ 2022 ވަނަ އަހަރު ކަމަށެވެ.

ސަބްސްކްރައިބަރުންގެ އަދަދު އިތުރުވި މައިގަނޑު ސަބަބުތަކުގެ ތެރޭގައި މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ހިމެނެވެ. ކޮވިޑް-19 އާ ގުޅިގެން އާއިލާގެ މެންބަރުން ގޭގައި ތިބިއިރު، ދަރިންނަށްޓަކައި އެ މީހުންގެ މައިންބަފައިން ޑިޒްނީ+ އަށް ސަބްސްކްރައިބްކުރި މިންވަރު އިތުރުވުން ހިމެނެއެވެ.

މި ޕްލެޓްފޯމް މެދުވެރިކޮށް، ޑިޒްނީ، މާވެލް އަދި ޕިކްސާގެ ފިލްމްތަކާއި ޝޯތައް ބަލައިލެވޭނެއެވެ. ޑިޒްނީ+ ގެ ސަބްސްކްރައިބަރުންގެ އަދަދު އިތުރުވި މައިގަނޑު އަނެއް ސަބަބަކީ، އިތުރު ގައުމުތަކަކަށް އެ ޕްލެޓްފޯމު ފުޅާކުރުމެވެ. އޭގެ ތެރޭގައި ޔޫކޭ، އިންޑިއާ، ޖަރުމަނު، އިޓަލީ، ސްޕެއިން، އޮސްޓްރިއާ އަދި ސުވިޓްޒަލޭންޑް ހިމެނެއެވެ.

"ހުލު" އަކީވެސް ޑިޒްނީގެ ވީޑިއޯ އޮން-ޑިމާންޑް ހިދުމަތެކެވެ. އެ ހިދުމަތަށް މިވަގުތު ސަބްސްކްރައިބް ކޮށްފައިވަނީ 30 މިލިއަން މީހުންނެވެ.