ހަސަން މިނާޖް

ހަސަން މިނާޖްގެ ނެޓްފްލިކްސް ޝޯ ބަލަންތަ؟ ޝާހްރުކްވެސް މި ޝޯ ބަލާ!

ހަސަން މިނާޖަކީ ސްޓޭންޑް-އަޕް ކޮމީޑިއަންއެކެވެ. ނަމަވެސް އެހެން ކޮމީޑިއަންތަކާއި ހަސަން ވަރަށް ތަފާތެވެ. ޖެހިލުމެއްނެތި ބޮޑެތި ސްޓޭޖްތަކަށް އަރާ ދުނިޔޭގެ އިސްވެރިންގެ ސިއްރުތައް މަޖާ ގޮތެއްގައި ހަސަން ކިޔާދެއެވެ. އެމެރިކާއަށް އުފަން، އިންޑިއާ ނަސްލުގެ، އުމުރުން 33 އަހަރުގެ ހަސަންއަކީ ކޮމީޑިއަންއެއްގެ އިތުރުން، ލިޔުންތެރިއެއް، ޕްރޮޑިއުސަރެއް އަދި އެކްޓަރެއްވެސް މެއެވެ.

"ދަ ޑެއިލީ ޝޯ"ގެ ސެގްމެންޓަކުން މަޝްހޫރުވި ހަސަން މިނާޖް މިހާރު ފެނިގެންދަނީ އޭނާގެ އަމިއްލަ ނެޓްފްލިކްސް ޝޯއިންނެވެ. "ދަ ޕޭޓްރިއޮޓިކް އެކްޓް ވިތު ހަސަން މިނާޖް" ގެ ނަމުގައި ކޮންމެ ހަފްތާއަކު ޝޯއެއް ނެޓްފްލިކްސްއިން ގެނެސްދެއެވެ. 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ސްޓްރީމް ކުރަންފެށި މި ޝޯ މިހާރު ކުރިއަށްދަނީ މީގެ ހަތަރު ވަނަ ސީޒަންއެވެ. އަދި ކޮންމެ އެޕިސޯޑެއްގައިވެސް ދުނިޔޭގެ އެކި ހިސާބުތަކުގައި ހިނގާ ލާމަރުކަޒީ ކަންތައްތަކާއި، ސިޔާސީ ހާލަތުގެ ކޮންމެވެސް ދެ ވާހަކައެއް ވަރަށް ތަފްސީލާއި، ހެތްކާއި އެކު މަޖާ ގޮތެއްގައި ގެނެސްދެއެވެ.

އެގޮތުން 2017 ވަނަ އަހަރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވައިޓް ހައުސްގައި ބޭއްވި ކެއުމެއްގައި އެމެރިކާ ސަރުކާރުގެ އެތައްބައެއްގެ ކުރިމަތީގައި ޓްރަމްޕަށްވެސް ވަނީ ހަސަން ޖޯކު ޖަހާފައެވެ.

މީގެ ދެ ދުވަސްވަރު ކުރިން ހަސަންއަށް އެއް މިލިއަން އިންސްޓަގްރާމް ފޮލޮވާސް ލިބިގެން ހަސަން ބައްޕައަށް މި އުފާވެރި ހަބަރު މެސެޖް އަކުން ހިއްސާކުރުމުން ބައްޕަ ދިން މަޖާ ޖަވާބު ހަސަން ވަނީ އިންސްޓަގްރާމްގައި ހިއްސާކޮއްފައެވެ.

ހަސަން ކުރި މެސެޖްގައި ވަނީ ހަސަންގެ އިންސްޓަގްރާމް ޕޭޖުގެ ސްކްރީންޝޮޓަކާއި އެކު، "1 މިލިއަން ފޮލޮވާރސް ލިބިއްޖެ! ފަހުރުވެރިވާނެ ކަމަށް އުންމީދު ކުރަން."

މީގެ ޖަވާބަކަށް ހަސަންގެ ބައްޕަ ދީފައިވަނީ "ތިއީ ޝާހްރުކް ހާން އަށްވުރެން 17 މިލިއަން މަދު" މިހެންނެވެ.

ހަސަންގެ އިންސްޓަގްރާމް ކެޕްޝަންގައި  ލިޔެފައިވަނީ ، "އާއިލާ ހަޔާތުގައި ވާތީ ވަރަށް އުފާވޭ." މިހެންނެވެ.

މި ޕޯސްޓަށް ޝާހްރުކްވަނީ ކޮމެންޓްކޮށް ހަސަންގެ ޝޯ ކަމުދާކަމަށް ވަނީ ބުނެފައެވެ. "އެހީ އަކަށް ވަންޔާ... ބައްޕަ ކައިރީގައި ބުނޭ، ޝޯ ވަރަށް ކަމުދެއޭ" ޝާހްރުކްގެ ކޮމެންޓްގައި ވެއެވެ.

އެއްކަލަ މީހާ

މި ވަރަށް މަޖާ ސޮރެއް. ހީހީ ހަލާކުވޭ. ކަންކަމުގެ ހަގީގަތްވެސް އަދި ކިޔާދެނީ ތިޔަހެންނެއް ނޫން!