ފިލްމްގެ ބައެއް ކާސްޓުންނާއެކު ޖޭމްސް ގަން

"ދަ ސުއިސައިޑް ސްކޮޑް" ގެ ޝޫޓިން ނިންމާލައިފި

ފިލްމް "ދަ ސުއިސައިޑް ސްކޮޑް" ގެ ޝޫޓިން ނިމިފައިވާ ކަމަށް، ފިލްމްގެ ޑައިރެކްޓަރު ޖޭމްސް ގަން ހާމަކޮށްފިއެވެ.

އިންސްޓަގްރާމްގައި، ފިލްމްގެ ކާސްޓުންނާއި ކްރޫންގެ ފޮޓޯއެއް ހިއްސާކުރަމުން ޖޭމްސް ގަން ބުނީ ފިލްމްގެ މަސައްކަތް ކުރިއަށްދިޔައީ ހަޔާތުގައި އުނދަގޫ ދުވަސްކޮޅެއްގައި ކަމަށެވެ.

ޖޭމްސް ބުނީ އޭނާގެ ބައްޕަ މަރުވީ ފިލްމްގެ ޝޫޓިން ފެށެން ދެ ހަފުތާއަށްވެފައި ވަނިކޮށް ކަމަށާއި ފިލްމްގެ މަސައްކަތް ކުރިއަށް ދިޔަ ދުވަސްކޮޅަކީ ހަޔާތުގައި އުނދަގޫ ދުވަސްކޮޅެއް ކަމަށެވެ. ފިލްމްގެ ކާސްޓުންނާއި ކްރޫންގެ ޕްރޮފެޝަނަލިޒަމް އާއި ހުނަރާއި އޯގާތެރިކަން ކޮންމެ ދުވަހަކުވެސް ލިބިގެންދިޔަ ކަމަށް ޖޭމްސް ވަނީ ބުނެފައެވެ.

"އަހަރެންގެ ހިތުގެ އެންމެ ފުންމިނުން އެންމެންނަށް ޝުކުރު އަދާކުރަން. އަހަރެން ފިލްމް އުފައްދާ ސަބަބަކީ ތިއީ" ޖޭމްސް ބުންޏެވެ.

މި ފިލްމުން އެކްޓްރެސް މާގޯ ރޮބީ ފެނިގެންދާނީ ހާލޭ ކުއިންގެ ރޯލުންނެވެ. މި ފިލްމްގެ އިތުރު ކާސްޓުންގެ ތެރޭގައި ވިއޯލާ ޑާވިސް އާއި އިދްރީސް އެލްބާ އަދި ޖޯން ސީނާ ހިމެނެއެވެ. ސިނަމާތަކަށް މި ފިލްމް އަންނާނީ އަންނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ.