އަލަށް 16 މިލިއަން މީހުން ނެޓްފްލިކްސް ބޭނުންކުރަން ފަށައިފި
މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި، މުޅިން އަލަށް 16 މިލިއަން މީހުން ނެޓްފްލިކްސް އެކައުންޓް ހުޅުވައިފިއެވެ.
ނެޓްފްލިކްސް އިން ހާމަކުރި ގޮތުގައި އެ އަދަދަކީ، މިދިޔަ އަހަރުގެ ފަހުކޮޅު އަލަށް ނެޓްފްލިކްސް ބޭނުންކުރަން ފެށި މީހުންނަށްވުރެ ދެގުނަ އިތުރުވުމެކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން، މީހުން ގެތަކުގައި ތިބިއިރު މުނިފޫހިފިލުވުމުގެ ގޮތުން މިފަދަ ޕްލެޓްފޯމްތައް ބޭނުންކުރާ މިންވަރު ވަނީ އިތުރުވެފައެވެ.
އީ-މާކެޓާ އެނަލީސްޓް އެރިކް ވިދާޅުވި ގޮތުގައި ކޮވިޑް-19 ގެ މި ހާލަތުގައި، އެންމެ ކުޑަކޮށް ނޭދެވޭ އަސަރުކުރާނެ އެއް ކުންފުންޏަކީ ނެޓްފްލިކްސްއެވެ. ސަބަބަކީ ނެޓްފްލިކްސްގެ ވިޔަފާރިއަކީ، ގޭގައި ބަންދުވެފައި ތިބެންޖެހޭ މިފަދަ ހާލަތެއްގައި ގިނަ މީހުން ބޭނުންކުރާނެ ފަދަ ގޮތަކަށް އޮތް ވިޔަފާރިއަކަށްވުމެވެ.
ނެޓްފްލިކްސް ބޭނުންކުރާ މީހުންގެ އަދަދު އިތުރުވުމުގެ ސަބަބުން ނެޓްފްލިކްސް އިން ވަނީ އިތުރު 2000 ކަސްޓަމާ ސަޕޯޓް ސްޓާފުންނަށް ވަޒީފާ ދީފައެވެ. އެޕްރީލް، މޭ އަދި ޖޫން މަސް ހިމެނޭ މިއަހަރުގެ ދެވަނަ ކުއާޓަރުގައި، އަލަށް 7.5 މިލިއަން މީހުން ނެޓްފްލިކްސް ބޭނުންކުރަން ފަށާނެ ކަމަށް އެ ކުންފުނިން ވަނީ ލަފާކޮށްފައެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުން 182 މިލިއަނަށްވުރެ ގިނަ މީހުން ނެޓްފްލިކްސް ބޭނުންކުރެއެވެ. ނެޓްފްލިކްސް އިން ހާމަކުރި ގޮތުގައި މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި 5.76 ބިލިއަން ޑޮލަރު ލިބިފައިވެއެވެ. އެ އަދަދަކީ މިދިޔަ އަހަރުގެ އެ މުއްދަތާއި އަޅާބަލާއިރު 27 އިންސައްތަ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ނެޓްފްލިކްސް އަށް ފައިދާގެ ގޮތުގައި ލިބުނީ 344 މިލިއަން ޑޮލަރެވެ. މިއަހަރުގެ އެ މުއްދަތުގައި އެ އަދަދު ވަނީ 709 މިލިއަން ޑޮލަރަށް އަރާފައެވެ.