ކޮމެޑީ ފިލްމް "ޕާގަލްޕަންތީ" ވެސް ލީކްކޮށްލައިފި

ހުކުރު ދުވަހު ރިލީޒްކުރި ކޮމެޑީ ފިލްމް "ޕާގަލްޕަންތީ" ވެސް ލީކްކޮށްލައިފިއެވެ. މި ފިލްމްވެސް ލީކްކޮށްލާފައިވަނީ، މިފަހުން ރިލީޒްކުރި ގިނަ ފިލްމްތަކެއް ލީކްކޮށްލާފައިވާ ޓަމިލްރޮކާސް އިންނެވެ.

ޓެމިލްރޮކާސް އިން އެންމެ ފުރަތަމަ ލީކްކުރަމުން ދިޔައީ ތަމަޅަ ފިލްމްތަކެވެ. ނަމަވެސް ޓެމިލްރޮކާސް އިން މިހާރު ދަނީ ބޮލީވުޑް ފިލްމްތަކާއި ޓީވީ ޝޯތަކާއި ވެބް ސީރީޒްގެ އިތުރުން ހޮލީވުޑްގެ ފިލްމްތައްވެސް ލީކްކުރަމުންނެވެ. އެގޮތުން ފިލްމް ސިނަމާތަކުގައި ރިލީޒްކުރާ ދުވަހުވެސް، ފިލްމް ލީކްކޮށްލާފައިވެއެވެ.

އިންޑިއާގެ ކޯޓަކުން ވަނީ ޓެމިލްރޮކާސް ހުއްޓުވުމަށް އަމުރު ނެރެފައެވެ. ނަމަވެސް ޓެމިލްރޮކާސް އިން ވެބްސައިޓް ޑޮމެއިން ބަދަލުކުރަމުންދާތީ، ޓެމިލްރޮކާސް ހުއްޓުވުން ވަނީ އުނދަގޫ ކަމަކަށްވެފައެވެ.

އަނީސް ބަޒްމީ ޑައިރެކްޓްކޮށްފައިވާ ފިލްމް "ޕާގަލްޕަންތީ" ގެ ކާސްޓުންގެ ތެރޭގައި އަނިލް ކަޕޫރު، ޖޯން އަބްރަހަމް، އިލިއާނާ ޑި ކްރޫޒް، އަރުޝަދު ވަރްސީ، ޕުލްކިތު ސަމްރާޓް އަދި ކްރިތީ ކަރްބަންދާ ހިމެނެއެވެ.

ފިލްމް "ޕާގަލްޕަންތީ" ގެ ދެވަނަ ބައި އުފެއްދުމަށް ނިންމާފައިވާއިރު، އެ ފިލްމްގެ ސްކްރީންޕްލޭ ގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.