ފިލްމް ނެޝަނަލް ޓްރެޝާގެ ލީޑް ކާސްޓުން

"ނެޝަނަލް ޓްރެޝާ" ގެ ޓީވީ ސީރީޒެއް އުފައްދަނީ

ވޯލްޓް ޑިޒްނީ އާއި ޖެރީ ބުރްކެއިމާ ފިލްމް އިން ގެނެސްދިން "ނެޝަނަލް ޓްރެޝާ" ގެ ޓީވީ ސީރީޒެއް އުފެއްދުމަށް ނިންމައިފިއެވެ.

ޖެރީ ބުރްކެއިމާ ބުނި ގޮތުގައި އެ ސީރީޒްގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. އެ ސީރީޒް އަންނާނީ ޑިޒްނީ ޕްލަސްއަށެވެ.

ޑިޒްނީ ޕްލަސް އަށް އަންނަ އެ ސީރީޒާ ގުޅޭ ގޮތުން ޖެރީ ބުނީ ފިލްމާއި ސީރީޒްގެ ކޮންސެޕްޓް އެއްގޮތްވާނެ ކަމަށެވެ. ނަމަވެސް ފެނިގެންދާނީ ޒުވާން ކާސްޓުން ކަމަށް ޖެރީ ބުންޏެވެ. އެހެންކަމުން ފިލްމްގައި ބެންޖަމިން ފްރޭންކްލިން ގޭޓްސްގެ ރޯލުން ފެނިގެންދިޔަ އެކްޓަރު ނިކޮލަސް ކޭޖް މި ސީރީޒުން ފެނިގެންދާނެކަން އަދި ކަށަވަރެއް ނުވެއެވެ.

"ނެޝަނަލް ޓްރެޝާ" ގެ ފުރަތަމަ ފިލްމް ރިލީޒްކުރީ 2004 ވަނަ އަހަރުއެވެ. 100 މިލިއަން ޑޮލަރުގެ ބަޖެޓަކުން އުފެއްދި މި ފިލްމަށް ބޮކްސް އޮފީހުގައި 347 މިލިއަން ޑޮލަރު ލިބިފައިވެއެވެ. މި ފްރެންޗައިޒްގެ ދެވަނަ ފިލްމް "ނެޝަނަލް ޓްރެޝާ: ބުކް އޮފް ސީކްރެޓްސް"  ރިލީޒްކުރީ 2007 ވަނަ އަހަރުއެވެ. 130 މިލިއަން ޑޮލަރުގެ ބަޖެޓުން އުފެއްދި ފިލްމަށް 457 މިލިއަން ޑޮލަރު ލިބުނެވެ.

މި ފިލްމުން ފެނިގެންދިޔަ ލީޑް ކާސްޓުން ހިމަނައިގެން އާ ފިލްމެއްގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.