ޑިޒްނީ+ ޔޫކޭގައި ލޯންޗްކުރާ ތާރީހު އިއުލާނުކޮށްފި

ޑިޒްނީގެ ވީޑިއޯ އޮން-ޑިމާންޑް ސްޓްރީމިންގް ސާވިސް، ޑިޒްނީ+ އިނގިރޭސިވިލާތުގައި ލޯންޗްކުރާނެ ތާރީހު އިއުލާނުކޮށްފިއެވެ.

އިނގިރޭސިވިލާތުގައި ޑިޒްނީ+ ލޯންޗްކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ މާޗް މަހުގެ 31 ވަނަ ދުވަހުއެވެ. ޖަރުމަނު، ފްރާންސް، އިޓަލީ އަދި ސްޕެއިންގައިވެސް ޑިޒްނީ+ ލޯންޗްކުރާނީ ހަމަ އެ ދުވަހުއެވެ.

ޑިޒްނީ+ އާއެކު ވޯލްޓް ޑިޒްނީ އާއި އެ ކުންފުނީގެ ދަށުން ހިންގާ ކުންފުނިތަކުގެ އުފެއްދުންތައް ގެނެސްދޭނެއެވެ. އޭގެ ތެރޭގައި ޕިކްސާ، މާވެލް ސްޓޫޑިއޯސް، ނޭޝަނަލް ޖިއޮގްރަފީ، ޓްވެންޓިއަތު ސެންޗަރީ ފޮކްސްގެ އުފެއްދުންތަކާއި ސްޓާ ވޯސްގެ ފިލްމްތައް ހިމެނެއެވެ.

އެމެރިކާގައި ޑިޒްނީ+ ލޯންޗްކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަންގާރަ ދުވަހުއެވެ.

ޑިޒްނީ އިން ވަނީ މިއަހަރު ކާމިޔާބު ފިލްމްތަކެއް ނެރެފައެވެ. އެ ފިލްމްތަކަށް ބޮކްސް އޮފީހުގައި މިހާތަނަށް 8.3 ބިލިއަން އެމެރިކާ ޑޮލަރު ލިބިފައިވެއެވެ.