ބައްޗަން އާއިލާއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ހާލު ރަނގަޅު
ބައްޗަން އާއިލާގެ ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، އެ މީހުންގެ ހާލު ރަނގަޅު ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
ބޮލީވުޑްގެ މެގަސްޓާ އަމީތާބް ބައްޗަން އާއި އަމީތާބްގެ ދަރިފުޅު އަބިޝެކް ބައްޗަން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އަދި އަބިޝެކްގެ އަނބިމީހާ އައިޝްވާރިއާ ރާއީ އާއި އެދެމަފިރިންގެ ދަރިފުޅު އަރަދިއާ ބައްޗަންވެސް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ.
ބައްޗަން އާއިލާއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންނަށް ފަރުވާ ދެމުންދަނީ ނަނަވާތީ ހޮސްޕިޓަލްގައެވެ. ހޮސްޕިޓަލްގެ މަސްދަރުތަކާއި ހަވާލާދީ އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން އެ މީހުންގެ ހާލު މިވަގުތު ރަނގަޅެވެ.
އުމުރުން 77 އަހަރުގެ އަމީތާބް އާއި އުމުރުން 44 އަހަރުގެ އަބިޝެކް، ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ މިމަހުގެ 11 ވަނަ ދުވަހުއެވެ. އަދި އެ ދުވަހުން ފެށިގެން އެ ދެ ތަރިންނަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލްގައެވެ. އުމުރުން 46 އަހަރުގެ އައިޝްވާރިއާ އާއި އަށް އަހަރުގެ އާރަދިއާ ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން ފުރަތަމަ ފަރުވާ ދިނީ ގޭގައެވެ. ނަމަވެސް ފަހުން ވަނީ ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ.
ހޮސްޕިޓަލްގެ މަސްދަރުތަކާއި ހަވާލާދީ އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން އަމީތާބް އާއި އަބިޝެކް އަދި ދެ ނުވަތަ ތިން ދުވަހު ހޮސްޕިޓަލްގައި ފަރުވާދޭނެއެވެ. އައިޝްވާރިއާ އާއި އާރަދިއާއަށް ދުވަސްކޮޅަކު ހޮސްޕިޓަލުގައި ފަރުވާ ދޭނެ ކަމަށް ރިޕޯޓްކޮށްފައިވެއެވެ.