ޝާހްރުކްއަށް އަނެއްކާވެސް އޮނަރަރީ ޑޮކްޓަރޭޓެއް

އޮސްޓްރޭލިއާގެ ޔުނިވާސިޓީއަކުން ޝާހްރުކް ހާނަށް އޮނަރަރީ ޑޮކްޓަރޭޓް ޑިގްރީއެއް ދޭން ނިންމައިފިއެވެ.

ބޮލީވުޑްގެ އެކްޓަރު ޝާހްރުކް ހާނަށް އޮނަރަރީ ޑޮކްޓަރޭޓް ޑިގްރީއެއް ދޭން ނިންމާފައިވަނީ އޭނާ، "މީރް ފައުންޑޭޝަން" ގެ ދަށުން އަންހެނުން ބާރުވެރިކުރުވުމަށް ކުރާ މަސައްކަތާއި، އެކި ކަހަލަ ފުރުސަތުތަކުން މަހުރޫމްވެފައިވާ (އަންޑާޕްރިވެލެޖްޑް) ކުޑަކުދިންނަށް ކޮށްދޭ މަސައްކަތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުންނާއި އިންޑިއާގެ މުނިފޫހިފިލުވުމުގެ ދާއިރާއިން ހޯދާފައިވާ ކާމިޔާބީތައް ފާހަގަ ކުރުމަށެވެ.

ޝާހްރުކް ހާނަށް މި އޮނަރަރީ ޑޮކްޓަރޭޓް ޑިގްރީ ދެނީ އޮސްޓްރޭލިއާގެ މެލްބޯންގައި ހުންނަ ލަ ޓްރޯބް ޔުނިވާސިޓީންނެވެ. މި އޮނަރަރީ ޑޮކްޓަރޭޓް ޑިގްރީ ޝާހްރުކަށް ދޭން ނިންމާފައިވަނީ އަންނަ އޮގަސްޓް މަހުގެ ނުވަ ވަނަ ދުވަހު، އޮސްޓްރޭލިއާގައި އޮންނަ 10 ވަނަ "އިންޑިއަން ފިލްމް ފެސްޓިވަލް އޮފް މެލްބޯން" ގައެވެ.

މިއަހަރުގެ ފެސްޓިވަލްގެ ޝަރަފުވެރި މެހުމާނަކީ ޝަހްރުކް ހާނެވެ.

"ލަ ޓްރޯބް ފަދަ ފުރިހަމަކަމާއެކު އަންހެނުންގެ ހަމަހަމަކަމަށް މަސައްކަތް ކުރަމުންދާ، އަދި އިންޑިއާގެ ސަގާފަތާއި ދިގު ދެމިގެންވާ ގުޅުމެއް ބާއްވާ ޔުނިވާސިޓީއަކުން މި ކަހަލަ ޝަރަފެއް ދޭން ނިންމުމުން ވަރަށް ފަހުރުވެރިވަން" ޝާހްރުކްގެ ބަސްކޮޅެއް ހިމަނައި ލަ ޓްރޯބް އިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

މިއީ ޝާހްރުކަށް ލިބޭ ހަތަރު ވަނަ އޮނަރަރީ ޑޮކްޓަރޭޓް ޑިގްރީއެވެ. މީގެ ކުރިން ބެޑްފޯޑްޝަޔަރ ޔުނިވާސިޓީ އާއި އެޑިންގްބާރގް ޔުނިވާސިޓީ އާއި ލަންޑަންގެ ޔުނިވާސިޓީ އޮފް ލޯ އިން ވަނީ ޝާހްރުކަށް އޮނަރަރީ ޑޮކްޓަރޭޓް ޑިގްރީ އަރުވާފައެވެ.