ބަރުގޮނު އަޅާމީހުންނަށް ދޭ އަދަބަށް ރިތިކްގެ ތައުރީފު

ޓްރެފިކް ލައިޓްގެ ރަތް ބޮކި ދިއްލިފައި ހުއްޓާވެސް، އެއްގަމު އުޅަނދު ދުއްވާ މީހުން ބަރުގޮނު އަޅައި، އަޑުގަދަ ކުރާތީ އިންޑިއާގެ މުމްބާއީގެ ފުލުހުން ތައާރަފު ކުރި އަދަބަށް ބޮލީވުޑްގެ އެކްޓަރު ރިތިކް ރޯޝަން ތައުރީފުކޮށްފިއެވެ.

މުމްބާއީގައި ހުންނަ ޓްރެފިކް ލައިޓްތަކަކީ، ޓްރެފިކް ލައިޓްގެ ސިގްނަލް ފެހިވުމަށް ނަގާ ވަގުތު ސިކުންތުން ކައުންޓް ޑައުން އަރަމުންދާ ޓްރެފިކް ލައިޓްތަކެކެވެ. ނަމަވެސް ޓްރެފިކް ލައިޓް ސިގްނަލް ރަތްވެފައި ހުއްޓާ މީހުން ދަނީ ބަރުގޮނު އަޅަމުންނެވެ.

އެކަމަށް ހައްލެއް ގެނައުމަށް މުމްބާއީގެ ފުލުހުން ވަނީ އެ ސިޓީގެ ބައެއް ޓްރެފިކް ލައިޓްތައް ހުރި ސަރަހައްދުތަކުގައި ޑެސިބަލް މީޓަރު ހަރުކޮށްފައެވެ. ބަރުގޮނު އަޅައިގެން ޑެސިބަލް ލެވަލް 85 އަށްވުރެ މަތިވެއްޖެ ނަމަ ޓްރެފިކް ލައިޓް ކައުންޓް ޑައުން އަލުން ރީސެޓްވެއެވެ. އެއާއެކު ޓްރެފިކް ލައިޓް ފެހިވުމަށް ނަގާ ވަގުތު އަނެއްކާވެސް އިތުރުވެގެންދެއެވެ.

މުމްބާއީގެ ޓްރެފިކް މައްސަލައާއި އެ ސިޓީގެ ފުލުހުން ތައާރަފުކުރި އަދަބާއި ގުޅޭ ގޮތުން ތައްޔާރުކޮށްފައިވާ ވީޑިއޯކޮޅެއް ހިއްސާކުރަމުން ސޯޝަލް މީޑިއާގައި ރިތިކް ރޯޝަން ލިޔުނު ޕޯސްޓެއްގައި ބުނީ އެއްވެސް ވިސްނުމެއް ފިކުރެއް ނެތި ބަރުގޮނު އެޅުމުގެ ސަގާފަތެއް އުފެދިފައިވާ ކަމަށެވެ.

ޓްރެފިކް ލައިޓްގައި ތިބޭ އެންމެންވެސް ބޭނުންވަނީ ދާން ބޭނުންވާ ތަނަކަށް އަވަހަށް ދިޔުމަށް ކަމަށާއި އެހެންވީއިރު، ބަރުގޮނު އަޅަންވީ ކީއްވެތޯ ރިތިކް ވަނީ ސުވާލު އުފައްދާފައެވެ.

"އަހަރެމެންނަށް ހީވަނީ ބަރުގޮނު އެޅީމަ ޓްރެފިކް ލައިޓް އަވަހަށް ފެހިކުލައަށްވާނެއޭ. އެހެންނެއް އެކަމެއް ނުވާނެ" ރިތިކް ބުންޏެވެ. ބަރުގޮނު އެޅުމުގެ ސަބަބުން އަޑުގަދަވެ އެކަމުން އުނދަގޫވާކަން ފާހަގަކޮށް ރިތިކް ބުނީ ވަރަށް ހިތާމަހުރި ކަމެއް ކަމަށެވެ.

މުމްބާއީ ފުލުހުން ކުރި މަސައްކަތަށް ތައުރީފުކޮށް ރިތިކް ބުނީ "ނޮއިސް ޕޮލިއުޝަން" ކުޑަކުރުމަށް އޭނާ އިސްނަގާ ކަމަށެވެ.