"އެފް 9" ރިލީޒްކުރުން ފަސްކޮށްފި

"ފާސްޓް އެންޑް ފިއުރިއަސް" ފްރެންޗައިޒްގެ ނުވަ ވަނަ ފިލްމް "އެފް 9" ސިނަމާތަކަށް ގެންނަ ތާރީހު އަނެއްކާވެސް ފަސްކޮށްފިއެވެ.

މި ފިލްމް ރިލީޒްކުރާ ތާރީހަށް މިހާރު ގެނެވިފައިވާ ބަދަލާއެކު، މިހާރު ހަމަޖެހިފައިވާ ގޮތުން މި ފިލްމް ރިލީޒްކުރާނީ އަންނަ އަހަރުގެ މޭ މަހުގެ 28 ވަނަ ދުވަހުއެވެ.

"ފާސްޓް އެންޑް ފިއުރިއަސް" އަކީ ޔުނިވާސަލް އަށް ވަރަށް މުހިންމު ފްރެންޗައިޒްއެކެވެ. ރިޕޯޓްތައް ބުނާ ގޮތުން މި ފްރެންޗައިޒްގެ އެންމެ ފަހުގެ ތިން ފިލްމަށް ލިބުނު އާމްދަނީގެ 75 އިންސައްތައަކީ އިންޓަނޭޝަނަލް ބޮކްސް އޮފީހުގައި ޓިކެޓް ވިއްކައިގެން ލިބުނު އާމްދަނީއެވެ.

"އެފް 9" ގެ ކާސްޓުންގެ ތެރޭގައި ވިން ޑީޒެލް އާއި ޖޯން ސީނާ އަދި މިޝެލް ރޮޑްރިގޭޒް ހިމެނެއެވެ.

ކޮވިޑް-19 އާ ގުޅިގެން ހޮލީވުޑް އަދި ބޮލީވުޑްގެ ގިނަ ފިލްމްތަކެއް ރިލީޒްކުރުން ތަކުރާރުކޮށް ފަސްކޮށްފައިވެއެވެ.