"އައި އެމް އަ ޑިސްކޯ ޑާންސް 2.0" ގެ ޕޯސްޓަރު ދައްކާލައިފި

"އައި އެމް އަ ޑިސްކޯ ޑާންސާ 2.0" ގެ ޕޯސްޓަރު ދައްކާލައިފިއެވެ.

ޕޯސްޓަރު އާންމުކޮށްފައިވަނީ ޓައިގާ ޝްރޮފްއެވެ. ޕޯސްޓަރުގައި ފެނިގެންދަނީ، ކަޅުކުލައިގެ އައުޓްފިޓް އެއްގައި ޓައިގާ ޝްރޮފް ހުއްޓައެވެ.

ޓައިގާ ޝްރޮފް ވަނީ އޭނާގެ ފޭސްބުކް، އިންސްޓަގްރާމް އަދި ޓްވިޓާ މެދުވެރިކޮށް މި ޕޯސްޓަރު އާންމުކޮށްފައެވެ. ޕޯސްޓަރު އާންމުކޮށް ސޯޝަލް މީޑިއާގައި ކުރި ޕޯސްޓްގައި ޓައިގާ ޝްރޮފް ބުނީ އައި އެމް އަ ޑިސްކޯ ޑާންސާ، މިމަހުގެ 18 ވަނަ ދުވަހު ސަރެގަމަޕަ ޔޫޓިއުބް ޗެނަލަށް އަންނާނެ ކަމަށެވެ.

ޓައިމްސް އޮފް އިންޑިއާ އިން ރިޕޯޓްކޮށްފައިވާ ގޮތުން މި ލަވަ އަލުން ހަދާފައިވަނީ ސަލިމް އަދި ސުލައިމާންއެވެ. މި ލަވައިގެ އަސްލަކީ 1982 ވަނަ އަހަރު ރިލީޒްކުރި ފިލްމް "ޑިސްކޯ ޑާންސާ" ގެ ލަވަ "އައި އެމް އަ ޑިސްކޯ ޑާންސާ" އެވެ.

ޓައިގާ ޝްރޮފް އެންމެ ފަހުން ސިނަމާއިން ފެނިގެންދިޔައީ "ބާގީ 3" އިންނެވެ. މި ފިލްމަށް ބޮކްސް އޮފީހުގައި 100 ކްރޯޑް ރުޕީސް ލިބުމާއި ގާތަށް މިހާރު ވަނީ ގޮސްފައެވެ. ނަމަވެސް ކޮރޯނާ ވައިރަސް ފެތުރެމުންދާތީ އޭގެ އަސަރު މި ފިލްމަށްވެސް ވަނީކޮށްފައެވެ. ޓައިމްސް އޮފް އިންޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުން އިންޑިއާގެ ސިނަމާތައް ވަނީ މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ބަންދުކޮށްފައެވެ.