މަންމަގެ ގުރުބާނީ އެނގުނީ ދަރިފުޅު ލިބުމުން: ކާޖޮލް

މަންމަގެ ގުރުބާނީ އެނގުނީ ދަރިފުޅު ލިބުމުން ކަމަށް ބޮލީވުޑްގެ އެކްޓްރެސް ކާޖޮލް ބުނެފިއެވެ.

ކާޖޮލް ބުނި ގޮތުގައި، އޭނާގެ މަންމަގެ ގުރުބާނީ އެނގުނީ ކާޖޮލްއަށް ދަރިފުޅު ނީސާ ލިބުމުންނެވެ. ކާޖޮލްއަށް ނީސާ ލިބުނީ 2003 ވަނަ އަހަރުއެވެ.

މަންމަ ދެކެ އަބަދުވެސް ލޯބިވާ ކަމަށް ކާޖޮލް ބުންޏެވެ. ދަރިފުޅު ލިބުމުން، މަންމައަށް ގޮވައި ރޮމުން ވާހަކަ ދެއްކި ހަނދާންތައް އާވެގެން ދިޔަ ކަމަށް ކާޖޮލް ބުންޏެވެ. މަންމަ ވާ ލޯބި އޭރު އެނގޭ ކަމަށާއި ދަރިއަކު ބޮޑުކުރުމަށް މަންމައަކު ކުރާނެ މަސައްކަތް މިއަދު އެނގޭ ކަމަށް ކާޖޮލް ބުންޏެވެ. އެއާއެކު މަންމައަށް ކުރާ އިހުތިރާމު އިތުރުވެގެން ދިޔަ ކަމަށް ކާޖޮލް ބުންޏެވެ.

ކާޖޮލްގެ މަންމަ ތަނުޖާއަކީ އެކްޓްރެސްއެކެވެ. ކާޖޮލް ބުނި ގޮތުގައި އޭނާ ސްކޫލްގައި ކިޔަވަން އުޅުނުއިރު، ފިލްމްތަކުން މަންމައަށް ލިބުނު ފުރުސަތުތައް މަންމަ ދޫކޮށްލާފައިވެއެވެ. ސްކޫލް ޗުއްޓީ ދުވަސްވަރުގައި ފިލްމް ކުޅެން މަންމަ ދެކޮޅު ހަދާ ކަމަށާއި އެއީ އާއިލާއަށް ވަގުތު ދިނުމަށް ކަމަށް ކާޖޮލް ވަނީ ބުނެފައެވެ.