ޝިލްޕާ ޝެޓީ

ބޮލީވުޑްގައި ކުރި ދަތުރާމެދު ހިތްހަމަ ޖެހޭ: ޝިލްޕާ

ދަތިތަކާއި އުނދަގޫތައް ކުރިމަތިވި ނަމަވެސް ބޮލީވުޑްގައި ކުރި ދަތުރާމެދު ހިތްހަމަ ޖެހޭ ކަމަށް ޝިލްޕާ ޝެޓީ ބުނެފިއެވެ.

ފިލްމް "ބާޒީގަރް" އިން ފިލްމީ ދާއިރާއަށް ތައާރަފްވި، ޝިލްޕާ ޝެޓީ ބުނި ގޮތުގައި ފިލްމް ކުޅުމަކީ އޭނާ ކުރަން ބޭނުންވެގެން ހުރި ކަމެއް ނޫނެވެ. އޭގެ ބަދަލުގައި ބޭނުންވީ ކިޔަވާ ނިމިގެން ބައްޕައާއެކު މަސައްކަތް ކުރުމަށް ކަމަށް ޝިލްޕާ ޝެޓީ ބުންޏެވެ.

ބޮލީވުޑްގައި ކުރިމަތިވި އުނދަގޫތަކާއި ދަތިތައް ހިއްސާ ކުރަމުން ޝިލްޕާ ޝެޓީ ބުނީ ބައެއް ޕްރޮޑިއުސަރުން ޕްރޮޖެކްޓްތައް ހަވާލުކުރުމަށްފަހު، ފަހުން ޕްރޮޖެކްޓުން ވަކިކޮށްފައިވާ ކަމަށާއި ޕްރޮޖެކްޓުން ވަކިކުރީ ކީއްވެގެންކަންވެސް ހާމަ ނުކުރާ ކަމަށެވެ.

އުމުރުން 43 އަހަރުގެ ޝިލްޕާ ބުނި ގޮތުގައި އެންމެ ފުރަތަމަ ކެމެރާ ކުރިމަތީގައި މަސައްކަތް ކުރަން އުނދަގޫވިއެވެ. ކެރިއަރުގެ ކުރީކޮޅުގައި ކުޅުނު ގިނަ ފިލްމްތަކެއް ފްލޮޕް ވުމުން ގޮންޖެހުންތައް ކުރިމަތިވި ކަމަށްވެސް ޝިލްޕާ ބުންޏެވެ.