ކެއިތު

ކޮވިޑް-19: ފޭކް ބޭސްތަކެއް ވިއްކަން އުޅުނު އެކްޓަރު ކެއިތު އެމެރިކާއިން ހައްޔަރުކޮށްފި

ކޮވިޑް-19 އަށް ފަރުވާ ލިބޭނެ ކަމަށް ބުނެ ފޭކް ބޭސްތަކެއް ވިއްކަން އުޅުނު، އެކްޓަރު ކެއިތު ލޯރެންސް ހައްޔަރުކޮށްފިއެވެ.

ފިލްމް "އަޔަން މޭން 2" އިން ފެނިގެންދިޔަ އެކްޓަރު ކެއިތު ހައްޔަރުކޮށްފައިވަނީ އެމެރިކާގެ ލޮސް އެންޖެލްސް އިންނެވެ. ހޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން ކެއިތު ހައްޔަރުކުރުމަށް އެފްބީއައި އިން ވަނީ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައެވެ. ކެއިތު ހައްޔަރުކޮށްފައިވަނީ، އެފްބީއައިގެ އޮޕަރޭޝަންގައި އެ އިދާރާގެ އަންޑަކަވާ އެޖެންޓަކަށް ފޭކް ބޭސްތަކެއް ވިއްކަން ކެއިތު މަސައްކަތްކުރަނިކޮށެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަން ފެތުރެމުންދާއިރު، ބައެއް ފަރާތްތަކުން ދަނޑިވަޅުގެ ނާޖާއިޒުފައިދާ ނަގާ މީހުންނަށް އޮޅުވާލައިގެން ފައިސާ ހޯދުމުގެ އެކި އަމަލުތައް ހިންގާކަން އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ. އެފަދަ ކަންކަން ހިނގަމުންދާތީ ހާއްސަ ސަމާލުކަމެއް ދިނުމަށްވެސް އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން ދަނީ އިލްތިމާސްކުރަމުންނެވެ.

މިހާތަނަށް 663،000 އަށްވުރެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހިފައިވާއިރު އޭގެ ތެރޭގައި އެންމެ ގިނައީ އެމެރިކާއިން މި ބަލި ޖެހުނު މީހުންނެވެ. އެގައުމުން 123،700 އަށްވުރެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހިފައިވެއެވެ.