ސޮނާކްޝީ އެދެނީ ރާއްޖެއަށް ގެނެސްދިނުމަށް

ރާއްޖެއަށް ގެންގޮސްދިނުމަށް ބަތަލާ ސޮނާކްޝީ ސިންހާ އެދިއްޖެއެވެ.

ސޮނާކްޝީ މިއަދު ވަނީ ރާއްޖޭގެ ރިސޯޓެއްގައި ކެއުމަކަށް އިންސާފުކުރަމުން ނަގާފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. ފޮޓޯ ހިއްސާކުރަމުން ކުރި ޕޯސްޓްގައި ސޮނާކްޝީ ވަނީ އޭނާ ރާއްޖެއަށް ގެންގޮސްދިނުމަށް އެދިފައެވެ.

އުމުރުން 33 އަހަރުގެ ސޮނާކްޝީއަކީ މީގެ ކުރިންވެސް އެކި ފަހަރުމަތިން ރާއްޖެ ޒިޔާރަތްކޮށް ޗުއްޓީ ހޭދަކޮށްފައިވާ ފަންނާނެކެވެ.

އެގޮތުން ސޮނާކްޝީ ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ރާއްޖެ ޒިޔާރަތްކޮށްފައެވެ. އެ ފަހަރު ސޮނާކްޝީ ވަނީ ސްކޫބާ ޑައިވާ ލައިސަންސް ނަގާފައެވެ. އެ ލައިސަންސް ނެގުމަށް ހެދި އިމްތިހާނުން ސޮނާކްޝީ ވަނީ 100 އިންސައްތަ ނަތީޖާ ހާސިލުކޮށްފައެވެ. ސޮނާކްޝީ އޭރު ބުނި ގޮތުގައި އެއީ އިމްތިހާނަކުން އޭނާއަށް 100 އިންސައްތަ ނަތީޖާއެއް ލިބުނު ފުރަތަމަ ފަހަރެވެ. ލައިސަންސް ލިބުމުން ސޮނާކްޝީ ވަނީ  އޯޝަނިކް ވޯލްޑް މޯލްޑިވްސްގެ އިންސްޓްރަކްޓާ މުހައްމަދު އަދި ގްރޭންޑް ޕާކް ކޮއްދިއްޕަރު ރިސޯޓަށް ޝުކުރު އަދާކޮށްފައެވެ.

ސޮނާކްޝީ ވަނީ 2018 އަދި 2019 ވަނަ އަހަރުވެސް ރާއްޖެ ޒިޔާރަތްކޮށް ޗުއްޓީ ހޭދަކޮށްފައެވެ. 2018 ވަނަ އަހަރު ސޮނާކްޝީ ޗުއްޓީ ހޭދަކުރީ ސިއްރުފެންފުށީގައެވެ. 2019 ވަނަ އަހަރު ސޮނާކްޝީ ޗުއްޓީ ހޭދަކުރީ ޖުމައިރާ ރިސޯޓްގައެވެ.