ޓެމިލްރޮކާސްގެ ޝިކާރައަކަށް "ދަބަންގް 3"

ޕައިރަސީ ވެބްސައިޓް ޓެމިލްރޮކާސްގެ ޝިކާރައަކަށް، ބޮލީވުޑްގެ އެކްޓަރު ސަލްމާން ހާން އެންމެ ފަހުން ކުޅުނު ފިލްމް "ދަބަންގް 3" ވެއްޖެއެވެ.

ހޮލީވުޑާއި ބޮލީވުޑްގެ ފަހުގެ ގިނަ ފިލްމްތަކެއް ލީކްކޮށްލާފައިވާ ޓެމިލްރޮކާސް އިން މި ވަނީ އިންޓަނެޓްގައި "ދަބަންގް 3" ލީކްކޮށްލާފައެވެ.

ޗުލްބުލް ޕާންޑޭ ނަމަކަށް ކިޔާ ފުލުހެއްގެ ރޯލުން ސަލްމާން ހާން ފެނިގެންދާ، "ދަބަންގް 3" ރިލީޒްކުރީ ހުކުރު ދުވަހުއެވެ. މިއީ "ދަބަންގް" ފްރެންޗައިޒްގެ ތިންވަނަ ބައެވެ.

ސަލްމާން ހާނާއެކު "ދަބަންގް" ގެ ކުރީގެ ދެ ފިލްމުންވެސް ފެނިގެން ދިޔަ އެކްޓްރެސް ސޮނާކްޝީ ސިންހާ، "ދަބަންގް 3" އިން ފެނިގެންދާނެއެވެ. ޕްރަބޫދޭވާ ޑައިރެކްޓްކޮށްފައިވާ ފިލްމް "ދަބަންގް 3" ގެ އިތުރު ކާސްޓުންގެ ތެރޭގައި ސުދީޕް ހިމެނެއެވެ.

ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުން "ދަބަންގް 3" އަކީ 125 ކްރޯޑް ރުޕީސްގެ ބަޖެޓަކުން އުފައްދާފައިވާ ފިލްމެކެވެ.

"ދަބަންގް" ގެ ފުރަތަމަ ފިލްމް ރިލީޒްކޮށްފައިވަނީ 2010 ވަނަ އަހަރުއެވެ. މިއީ، ބޮލީވުޑްގެ މިހާރުގެ ކުޅަދާނަ އެކްޓްރެސް ސޮނާކްޝީ ސިންހާ ބޮލީވުޑަށް ތައާރަފުވި ފިލްމެވެ. "ދަބަންގް 2" ރިލީޒްކުރީ 2012 ވަނަ އަހަރުއެވެ.