މަސައްކަތުގައި ބުރަކޮށް އުޅެން ޖެހުމަކީ މައްސަލައެއް ނޫން: ޝްރައްދާ

މަސައްކަތުގައި ބުރަކޮށް އުޅެން ޖެހުނު ނަމަވެސް މައްސަލައެއް ނެތް ކަމުގައި ބޮލީވުޑްގެ އެކްޓްރެސް ޝްރައްދާ ކަޕޫރު ބުނެފިއެވެ.

ފިލްމްތަކުގެ މަސައްކަތުގައި މިހާރުވެސް ބުރަކޮށް އުޅެމުން އަންނަ ޝްރައްދާ ބުނީ ނިދުމަށް ބުރޫ ނާރާކަމުގައިވާ ނަމަ، އުފަލާއެކު ބުރަކޮށް މަސައްކަތް ކުރާނެ ކަމަށެވެ.

"ހުއްޓުމެއް ނެތި ބުރަކޮށް މަސައްކަތް ކުރަން އަހަރެން ލޯބިކުރަން. އަހަރެން ކުރާ މަސައްކަތް ކުރަނީ ވަރަށް ލޯބިން އެހެންވެ ވަގުތު ބަހާލައިގެން މަސައްކަތް ކުރެވޭ" އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ޝްރައްދާ ބުންޏެވެ.

މިދިޔަ އަހަރު ރިލީޒްކުރި ޝްރައްދާގެ ދެ ފިލްމް ކަމުގައިވާ "ޝާހޯ" އާއި "ޗިޗޯރޭ" އަކީ ކާމިޔާބު ދެ ފިލްމެވެ. މިއަހަރު ފެނިގެންދާނެ ޝްރައްދާގެ ފިލްމްތަކުގެ ތެރޭގައި "ސްޓްރީޓް ޑާންސާ 3ޑީ" އާއި "ބާގީ 3" ހިމެނެއެވެ.

މީގެ ކުރިން ބޮމްބޭ ޓައިމްސް އަށް ދިން އިންޓަވިއުއެއްގައި ޝްރައްދާ ބުނީ ފިލްމީ ދާއިރާއަކީ އެ ދާއިރާގައި މަސައްކަތް ކުރުމަށް ގިނަ ވަގުތު ހޭދަވާ ކަމެއް ކަމަށާއި ނަމަވެސް ގިނަ މީހުންނަށް އެކަން ނޭނގޭ ކަމަށެވެ. އެ މީހުންނަށް ފެންނަނީ ކުޅެފައިވާ ފިލްމު ކަމަށާއި އެކަމަށް ކުރާ މަސައްކަތް ނޭނގޭ ކަމަށެވެ.

"ގިނަ ހާލަތްތަކުގައި (ފިލްމީ ދާއިރާގައި) އަންހެނުންނަށް ބުރަ. މިސާލަކަށް އިސްތަށިގަނޑު ހެދުމާއި، މޭކް-އަޕް ކުރުމާއި ކޮސްޓިއުމްގެ ކަންކަމަށް ވަރަށް ގިނަ ވަގުތު ނަގާ" ޝްރައްދާ ބުންޏެވެ.

ބޮމްބޭ ޓައިމްސް އަށް ޝްރައްދާ ދިން އެ އިންޓަވިއުގައި އޭނާ ބުނި ގޮތުގައި ބައެއް ދުވަސްތަކުގައި 14 ގަޑިއިރުވެސް މަސައްކަތް ކުރަން ޖެހެއެވެ.

ޝްރައްދާގެ ފިލްމް "ސްޓްރީޓް ޑާންސާ 3ޑީ" ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 24 ވަނަ ދުވަހުއެވެ.