ދުނިޔޭގެ އެކި ކަންކޮޅުތަކުން "ޓޯޓަލް ދަމާލް" އަށް ބޮޑު ތަރުހީބެއް

އަޖޭ ދޭވްގަން އާއި އަނިލް ކަޕޫރު ފެނިގެންދާ ފިލުމު "ޓޯޓަލް ދަމާލް" އަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ބޮޑު ކާމިޔާބީއެއް ހޯދަން ފަށައިފިއެވެ.

އާންމު ގޮތެއްގައި ބޮލީވުޑްގެ ކޮމެޑީ ފިލުމުތަކަށް ބައިނަލްއަގްވާމީ މާކެޓުގައި މާބޮޑު ތަރުހީބެއް ނުލިބެއެވެ. ނަމަވެސް މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި "ޓޯޓަލް ދަމާލް" ފިލުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ދަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ.

މި ފިލުމަށް އިންޑިއާއިން 90.31 ކްރޯޑް ރުޕީސް (12.6 މިލިއަން އެމެރިކާ ޑޮލަރު) ލިބިފައިވާއިރު އެހެން ގައުމުތަކުން އެ ފިލުމަށް 24.16 ކްރޯޑް ރުޕީސް (3.3 މިލިއަން އެމެރިކާ ޑޮލަރު) ލިބިފައިވެއެވެ.

"ޓޯޓަލް ދަމާލް" އަކީ 2007 ވަނަ އަހަރު ރިލިޒުކުރި ފިލުމު "ދަމާލް" ގެ ތިންވަނަ ބައެވެ. "ޓޯޓަލް ދަމާލް" އިން ފެނިގެންދާ އިތުރު ތަރިންގެ ތެރޭގައި މަދޫރީ ދިކްޝިތް، ރިތޭޝް ދޭޝްމުކް ހިމެނެއެވެ. މި ފިލުމު ޑައިރެކްޓްކޮށްދީފައިވަނި އިންދްރާ ކުމާރެވެ.