މާވެލް އާއި ސޮނީ ގުޅިގެން ސްޕައިޑަރމޭންގެ އާ ފިލްމެއް ހެދުމަށް އެއްބަސްވެއްޖެ

މަރވެލް ސްޓޫޑިއޯސް އާއި ސޮނީ ސްޓޫޑިއޯސް ގުޅިގެން އުފެއްދި "ސްޕައިޑަރމޭން: ފަރ ފްރޮމް ހޯމް" ނުކުތްތާ މާ ގިނަ ދުވަހެއް ނުވަނީސް ސޮނީ އާއި މާވެލް ސްޓޫޑިއޯސް އިން ސްޕައިޑަރމޭން ކެރެކްޓާ މާވެލްގެ ފިލްމުތަކުގައި ބޭނުން ނުކުރެވޭނެކަމަށް ވަނީ  އެއްބަސްވެފައެވެ.

އެ ނިންމުމާމެދު ބެލުންތެރިންނާއި ސްޕައިޑަރމޭން ކެރެކްޓާ ކުޅޭ ޓޮމް ހޮލެންޑްވެސް ވަނީ ވަރަށް ބޮޑަށް ނުރުހުންފާޅު ކޮށްފައެވެ. އެއީ ސްޕައިޑަރމޭންގެ ކެރެކްޓާ މާވެލްގެ ފިލްމުތަކުގައި ވަރަށް ބޮޑު އަދި މުހިންމު ރޯލެއް އަދާކޮށްފައިވާތީ މި އެއްބަސްވުމުގެ ސަބަބުން ކުރިއަށް ހުރި ފިލްމުތަކުގައި ސްޕައިޑަރމޭންގެ ނަންވެސް ބޭނުން ނުކުރެވޭނެތީއެވެ.

ހުކުރު ދުވަހު މާވެލް ސްޓޫޑިއޯސް އާއި ސޮނީ ސްޓޫޑިއޯސް އަނެއްކާވެސް އާ އެއްބަސްވުމެއް ވިކަމުގެ ހަބަރު މިހާރު މިވަނީ ފެތުރިފައެވެ. މި އެއްބަސްވުމުގައި ތިންވަނަ ސްޕައިޑަރމޭން ފިލްމެއް މި ދެ ސްޓޫޑިއޯސް ގުޅިގެން އުފެއްދުމަށް ވަނީ ހަމަޖެހިފައެވެ. މި ފިލްމު ރިލީސް ކުރަން ހަމަޖެހިފައި ވަނީ 2021 ޖުލައި 16 ގައެވެ. އަދި ކުރިޔަށް ހުރި މާވެލް ފިލްމުތަކުގައިވެސް ސްޕައިޑަރމޭންގެ ކެރެކްޓަރ ފެންނާނެކަމަށްވެސް މި އެއްބަސްވުމުގައި ވެއެވެ.

މި އާ އެއްބަސްވުމުގައި މާވެލް ސްޓޫޑިއޯސް ނިސްބަތްވާ ވާލްޓް ޑިސްނީ ސްޓޫޑިއޯސް އަށް ކުރިޔަށް ހުރި ފިލްމުތަކުން ފައިދާގެ 25 އިންސައްތަ ދިނުމަށްވަނީ އެއްބަސްވެފައެވެ. ނަމަވެސް ކުރިން ދެ ސްޓޫޑިއޯ ދެމެދުގައި އޮންނަނީ 50-50 ގެ އެއްބަސް ވުމެކެވެ.