އަޖޭގެ "މައިދާން" ރިލީޒްކުރާ ތާރީހު އިއުލާނުކޮށްފި

އަޖޭ ދޭވްގަން ލީޑް ރޯލުން ފެނިގެންދާ ފިލްމް "މައިދާން" ރިލީޒްކުރާ ތާރީހު އިއުލާނުކޮށްފިއެވެ.

އިންޑިއާގެ ފުޓްބޯޅައިގެ ރަން ޒަމާނުގެ ވާހަކަ ކިޔައިދޭ މި ފިލްމް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހުއެވެ. މި ފިލްމްގައި އަޖޭ ފެނިގެންދާނީ، އިންޑިއާގެ ފުޓްބޯޅަ ޓީމް، 1951 ވަނަ އަހަރު އާއި 1962 ވަނަ އަހަރުގެ އޭޝިއަން ގޭމްސް ކާމިޔާބުކުރިއިރު ޓީމް ލީޑްކުރި ސައިދު އަބްދުލްރަހީމްގެ ރޯލުންނެވެ.

ފިލްމްގެ ޝޫޓިން އަންނަ މާޗް މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ބެލެވޭއިރު ފިލްމްގެ ކޮލިޓީ ރަނގަޅު ކުރުމަށް ވިޒުއަލް އިފެކްޓްސް ވަރަށް ބޮޑަށް ބޭނުން ކުރާނެއެވެ.

ބޯނީ ކަޕޫރާއި ޒީ ސްޓޫޑިއޯސް އަދި ފްރެޝް ލައިމް ފިލްމްސް ގުޅިގެން ގެނެސްދޭ މި ފިލްމްގެ ޑައިރެކްޓަރަކީ އަމިތު ޝަރުމާ އެވެ.