ނެހާ ސަޒެނާ

އެކްޓްރެސް ނެހާ އާއި ފިރިމީހާ ޝަކްތި ރާއްޖޭގައި

އިންޑިއާގެ އެކްޓްރެސް ނެހާ ސަޒެނާ އާއި އޭނާގެ ފިރިމީހާ އަދި އިންޑިއަން ޓީވީ އެކްޓަރު ޝަކްތި އަރޯރާ، ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.

ނެހާ އާއި ޝަކްތި ޗުއްޓީ ހޭދަ ކުރަމުން ދަނީ، ދ. އަތޮޅުގައި ހިންގަމުން އަންނަ ކަނޑިންމަ ރިސޯޓުގައެވެ. އެ ދެތަރިންވެސް ދަނީ ރިސޯޓުގައި ހުރެ ނަގާފައިވާ ފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުންނެވެ.

ބަތަލާ ނެހާ ފިލްމީ ދާއިރާއަށް ތައާރަފުވީ 2013 ވަނަ އަހަރު ރިލީޒްކުރި ފިލްމް "ރިކްޝާ ޑްރައިވާ" އިންނެވެ. ތަމަޅަ އާއި މަލަޔާލަމް ފިލްމްތައްވެސް ކުޅެފައިވާ ނެހާ ވަނީ 2017 ވަނަ އަހަރު ރިލީޒްކުރި ހިންދީ ފިލްމް "ޗެފް" އިން ސައިފް އަލީ ހާނާއެކު ފެނިގެންގޮސްފައެވެ.

ރާއްޖޭގެ ރިސޯޓުތަކުގެ ތެރެއިން އެންމެ ބޮޑު ސްވިމިން ޕޫލް ތަރައްގީކޮށްފައިވާ ރިސޯޓްތަކުގެ ތެރޭގައި ކަނޑިންމާ ރިސޯޓު ހިމެނެއެވެ. އެ ރިސޯޓުގައި 11 ކެޓަގަރީއެއްގެ 247 ކޮޓަރި ހުރެއެވެ.

ޗުއްޓީ ހޭދަކުރުމުގައި ބޮލީވުޑާއި ހޮލީވުޑްގެ ފަންނާނުންގެ މެދުގައި ރާއްޖެއަކީ މަގުބޫލު މަންޒިލެކެވެ. ދާދި ފަހުން ކަނޑިންމާ ރިސޯޓުގައި މަޝްހޫރު ފަންނާނުންތަކެއް ވަނީ ޗުއްޓީ ހޭދަކޮށްފައެވެ.

އެގޮތުން ޖޫން މަހުގެ ތެރޭގައި އެކްޓަރު ޝުރްތީ ސިންހާ ކަންޑިންމާ ރިސޯޓުގައި ޗުއްޓީ ހޭދަކޮށްފައިވާއިރު މިދިޔަ މަހުގެ ތެރޭގައި އެކްޓްރެސް އާޝްކާ ގޮރާޑިއާވެސް ވަނީ އެ ރިސޯޓުގައި ޗުއްޓީ ހޭދަކޮށްފައެވެ.