ޔަޝް ރާޖްގެ ޗެއާމަން އަދިތްޔާ ޗޯޕްރާ

30،000 މަސައްކަތްތެރިންނަށް ޔަޝް ރާޖްއިން ވެކްސިން ދެނީ

އިންޑިއާގައި ފިލްމީ ދާއިރާއާ ގުޅުންހުރި މަސައްކަތްތަކުގައި މަސައްކަތްކުރާ މީހުންގެ ތެރެއިން 30،000 މީހުންނަށް ކޮވިޑް-19 ވެކްސިން ދިނުމަށް، ޕްރޮޑަކްޝަން ހައުސް ކުންފުނި ޔަޝް ރާޖް ފިލްމްސްއިން ނިންމައިފިއެވެ.

ޔަޝް ރާޖް ފިލްމްސްގެ ސީނިއާ ވައިސް ޕްރެޒިޑެންޓް އަކްޝަޔޭ ސޮއިކޮށް ނެރުނު ބަޔާނެއްގައި ބުނެފައިވަނީ 30،000 މަސައްކަތްތެރިންނަށް ބޭނުންވާ ވެކްސިން ހަމަޖައްސައިދިނުމަށް މަހާރަޝްތުރާގެ ޗީފް މިނިސްޓަރުގެ ކިބައިން އެދިފައިވާ ކަމަށެވެ. ވެކްސިން ދިނުމަށް ހިނގާ ހުރިހާ ހަރަދެއްވެސް ކުރާނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

އިންޑިއާގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާއިރު ފިލްމް ޝޫޓިން އަދި ޓީވީ ޝޯތަކުގެ މަސައްކަތް އޮތީ ހުއްޓިފައެވެ.

ފިލްމީ ދާއިރާގެ މަސައްކަތްތައް ވީހާވެސް އަވަހަށް އަލުން ފަށަށް ޖެހޭ ކަމަށް އަކްޝަޔޭ ވަނީ ބުނެފައެވެ. ސަބަބެއް ކަމަށް އޭނާ ބުނީ ފިލްމީ ދާއިރާގައި މަސައްކަތްކުރާ އެތައްހާސް މަސައްކަތްތެރިންނަށް އާމްދަނީ ލިބޭނީ ފިލްމީ މަސައްކަތްތައް އަލުން ފެށިގެން ކަމަށްވާތީއެވެ.