އަކްޝޭ

ފިލްމީ މަސައްކަތަށް ނުކުންނަން އަކްޝޭ ތައްޔާރުވަނީ

އިންޑިއާގެ ފިލްމީ ދާއިރާގެ މަސައްކަތްތައް ފެށުމުގެ ހުއްދަ އެގައުމުގެ ސަރުކާރުން ދީފައިވާއިރު، ފިލްމީ ދާއިރާގެ މަސައްކަތަށް އެންމެ ފުރަތަމަ ނުކުންނަ އެއް ފަންނާނަކީ އެކްޓަރު އަކްޝޭ ކުމާރެވެ.

ބޮލީވުޑްގެ ޚަބަރުތައް ބުނާ ގޮތުން އަކްޝޭ މިހާރު ދަނީ އޭނާ ލީޑް ރޯލު ކުޅޭ ދެ ފިލްމް ކަމުގައިވާ "ޕްރިތުވީރާޖް" އާއި "ބެލް ބޮޓަމް" ގެ ޝޫޓިން ފެށުމަށް ތައްޔާރުވަމުންނެވެ. "ޕްރިތުވީރާޖް" ގެ މަސައްކަތް މިމަހު ފެށުމަށް ހަމަޖެހިފައިވާއިރު "ބެލް ބޮޓަމް" ގެ ޝޫޓިން ފެށޭނެ ކަމަށް ބެލެވެބީ އޮގަސްޓް މަހު ކަމަށް ރިޕޯޓްތައް ބުނެއެވެ.

ފިލްމް "ޕްރިތުވީރާޖް" ގެ ޕްރޮޑިއުސަރު އަދިތިޔާ ޗޯޕްރާ ވަނީ އިންޑޯ ސެޓެއް ހެދުމަށް އަންގާފައެވެ. މިއީ އެ ފިލްމްގެ ނުނިމި ހުރި މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ހަދާ ސެޓެކެވެ. ފިލްމްގައި މިހާތަނަށް ނެގިފައިވަނީ ގާތްގަނޑަކަށް 40 އިންސައްތަ މަންޒަރެވެ. ރިޕޯޓްތައް ބުނާ ގޮތުން މިމަހު ފިލްމް "ޕްރިތުވީރާޖް" ގެ މަސައްކަތް ފަށައި އޮގަސްޓް މަހާއި ހަމައަށް އެ ފިލްމްގެ މަސައްކަތް އަކްޝޭ ނިންމާލާނެއެވެ.

މަސްދަރުތަކާއި ހަވާލާދީ ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން "ބެލް ބޮޓަމް" ގެ ޝޫޓިން ކުރިއަށް ގެންދާނީ ލަންޑަންގައެވެ. އޮގަސްޓް މަހު އެ ފިލްމްގެ މަސައްކަތް ފަށާއިރު، ކޮވިޑް-19 ގެ ހާލަތު މިހާރަށްވުރެ ރަނގަޅުވާނެ ކަމަށް ފިލްމް އުފައްދާ ފަރާތުން އުންމީދުކުރެއެވެ. ފިލްމްގެ މަސައްކަތަށް މަދު އަދަދެއްގެ ކްރޫން ބައިވެރިކުރާއިރު، ކްރޫންގެ ގޮތުގައި ލަންޑަންގެ މީހުން ބައިވެރިކުރުމަށް ވަނީ ހަމަޖެހިފައެވެ.