"ވޮންޑަ ވުމަން 1984" - ސިނަމާ އަދި އެޗްބީއޯ މެކްސްއަށް

ސުޕަހީރޯ ފިލްމް "ވޮންޑަ ވުމަން" ގެ ދެވަނަ ބައި، "ވޮންޑަ ވުމަން 1984" ސިނަމާތަކާއި ސްޓްރީމިން ޕްލެޓްފޯމް، އެޗްބީއޯ މެކްސްގައި ރިލީޒްކުރަން ނިންމައިފިއެވެ.

ކޮވިޑް-19 އާ ގުޅިގެން މި ފިލްމް ރިލީޒްކުރުން އެކި ފަހަރު މަތިން ވަނީ ފަސްކޮށްފައެވެ. އެގޮތުން މިއަހަރުގެ ޖޫން މަހު ރިލީޒްކުރަން އޮތް ފިލްމް އޮގަސްޓް މަހަށް ފަސްކުރުމަށްފަހު އޮކްޓޫބަރު މަހަށްވެސް ފަސްކުރިއެވެ. ނަމަވެސް މިހާރު ހަމަޖެހިފައިވާ ގޮތުން މި ފިލްމް ރިލީޒްކުރާނީ އަންނަ މަހުއެވެ.

އިންޓަނޭޝަނަލީ، އެޗްބީއޯ މެކްސް ނުލިބޭ ސަރަހައްދުތަކުގައި "ވޮންޑަ ވުމަން 1984" ސިނަމާތަކުގައި ޕްރިމިއާކުރާނީ އަންނަ މަހުގެ 16 ވަނަ ދުވަހުއެވެ. އެޗްބީއޯ މެކްސް އަދި އެމެރިކާގެ ސިނަމާތަކުގައި ފިލްމް އަޅުވާނީ އަންނަ މަހުގެ 25 ވަނަ ދުވަހުއެވެ.

ވޯނާ ބްރޯސް. ޕިކްޗާސް އިން ހާމަކުރި ގޮތުގައި އެޗްބީއޯ މެކްސް ޕްލެޓްފޯމްގައި ފިލްމް ރިލީޒްކުރަން ނިންމީ ކޮވިޑް-19 ގެ ހާލަތުގައި ސިނަމާތަކަށް ނުދެވޭ ފަރާތްތަކަށް ފިލްމް ބަލާލުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުންނެވެ.

ޕެޓީ ޖެންކިންސް ޑައިރެކްޓްކުރާ މި ފިލްމްގައި ވޮންޑަ ވުމަންގެ ރޯލުން ފެނިގެންދާނީ ގަލް ގެޑޯއެވެ. ސުޕަވިލަން "ޗީތާ" ގެ ރޯލުން ފެނިގެންދާނީ ކްރިސްޓެން ވިގްއެވެ.