ރެޑް ސްކަލްގެ ރޯލު ނުކުޅުނު ސަބަބު ހޫގޯ ބުނެދީފި
ފިލްމް "އެވެންޖާސް" ގެ ސީކުއެލްތަކުގައި ފަހުން "ރެޑް ސްކަލް" ކެރެކްޓާ ނުކުޅުނު ސަބަބު އެ ކެރެކްޓާ ކުޅުނު އެކްޓަރު ހޫގޯ ވޭވިންގް ހާމަކޮށްފިއެވެ.
އެކްޓަރު ހޫގޯ ވޭވިންގް، ބުނީ "އިންފިނިޓީ ވޯ" އަދި "އެންޑްގޭމް" ގައި "ރެޑް ސްކަލް" ެ ރޯލު ކުޅެން އޭނާ ހުރީ ތައްޔާރަށް ކަމަށެވެ. ނަމަވެސް އޭނާ އެދޭ މިންވަރަށް ފައިސާ ދައްކަން، ފިލްމް އުފައްދާ ފަރާތުން އެއްބަސްނުވީ ކަމަށެވެ.
"އެވެންޖާސް" ގެ ފަހުގެ ފިލްމްތައް ކުޅުމަށް ފިލްމް އުފައްދާ ފަރާތުން ހޫގޯއާ ވާހަކަ ދެއްކިއެވެ. ނަމަވެސް އެއްބަސްވުމަކަށް އާދެވިފައިނުވެއެވެ. ހޫގޯ ބުނި ގޮތުގައި "ރެޑް ސްކަލް" ގެ ރޯލު ކުރިން ކުޅުނީ ވަރަށް ކުޅޭ ހިތުންނެވެ.
ޓައިމް އައުޓް މެގަޒިން އަށް ވާހަކަ ދައްކަމުން ހޫގޯ ބުނީ އޭނާ "ރެޑް ސްކަލް" ގެ ރޯލު ފުރަތަމަ ކުޅުނު ފިލްމަށް އޭނާއަށް ދިން އާމްދަނީއަށްވުރެ މަދު އަދަދެއް އޭގެ ފަހުގެ ފިލްތަކަށް ހަމަ އެ ރޯލު ކުޅެން ފިލްމް އުފައްދާ ފަރާތުން ހުށަހެޅި ކަމަށެވެ.
"ނަމަވެސް ފުރަތަމަ ފަހަރަށް ފިލްމްގެ ކޮންޓްރެކްޓްގައި ސޮއިކުރި އިރު ފިލްމް އުފައްދާ ފަރާތުން ބުނެފައިވަނީ އެއް ފަހަރަށްވުރެ އަނެއް ފަހަރު ލިބޭ އާމްދަނީ ރަނގަޅުވާނެ ކަމަށް" ހޫގޯ ބުންޏެވެ. "އެ މީހުން (ފިލްމް އުފައްދާ ފަރާތުން) ބުނީ އެއީ ހަމައެކަނި އަޑުއެޅުމުގެ މަސައްކަތެއް ކަމަށާއި އެއީ އެހާ ބޮޑު ކަމެއް ނޫން ކަމަށް" ހޫގޯ އިތުރަށް ބުންޏެވެ.
އެންމެ ފަހުން "ރެޑް ސްކަލް" ގެ ރޯލު ކުޅެފައިވަނީ "ދަ ވޯކިންގް ޑެޑް" ގެ އެކްޓަރު ރޯސް މާކުއޭންޑްއެވެ.
ވޭވިންގްވަނީ ފިލްމް "ދި މެޓްރިކްސް" ގައި އޭޖެންޓް ސްމިތްގެ ރޯލު އަދި ފިލްމް "ލޯޑް އޮފް ދަ ރިންގް"ގައި އޭނާވަނީ އެލްރޯންޑްގެ ރޯލް އަދާކޮށްފައެވެ.