"ފޮރެސްޓް ގަމްޕް" ގެ ހިންދީ ވާޝަންއެއް؟

"ފޮރެސްޓް ގަމްޕް" އަކީ 1994 ވަނަ އަހަރުގައި ނުކުތް، މީހުންގެ ތެރޭގައި ވަރަށް މަގުބޫލުވި ފިލްމެކެވެ. މިއީ ޓޮމް ހޭންކްސް ފެނިގެން ދިޔަ ފެލްމެކެވެ. މި ފިލްމުގެ ހިންދީ ރިމޭކްއެއްގެ މަސައްކަތް މިހާރު ކުރިޔަށް އެބަދެއެވެ.

އާމިރް ޚާން ގެ މި އުފެއްދުމުގައި ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި އިންޑިއާއަށް އައިސްފައިވާ ކުރިއެރުންތައް ދައްކުވައިދޭނެއެވެ. ޑެއްކަން ކްރޮނިކަލްގައި މި ފިލްމާއި ބެހޭގޮތުން ލިޔެފައިވާ ރިޕޯޓެއްގައިވާ ގޮތުން މި ފިލްމުގައި ބަބްރީ މިސްކިތް ހަލާކު ކޮށްލުމާއި، އެހެން ސިޔާސީ އަދި މޯދީ ސަރުކާރު އުފެދިގެން އައި ގޮތް ކަހަލަ ގައުމީ ކަންކަން ފަދަ ވާހަކަތައް މި ފިލްމުގައި ގެނެސްދޭނެއެވެ.

"ފޮރެސްޓް ގަމްޕް" ގައިވެސް އެދުވަސް ވަރާއި ހަމައަށް ވެފައިހުރި މުހިންމު ސިޔާސީ އަދި ގައުމީ ކުރިއެރުންތައް މަޖާ ގޮތަކަށް ގެނެސް ދީފައިވެއެވެ. އަދި ޓޮމް ހޭންކްސްގެ ކެރެކްޓާ ވަނީ އޭރުގެ މުހިންމު ސިޔާސީ ލީޑަރުންނާއިވެސް މި ފިލްމު ތެރެއިން ބައްދަލު ވެފައެވެ. ހަމަ އެގޮތަށް އާމިރް ޚާންގެ މި ފިލްމުގައިވެސް އިންޑިއާގެ މުހިންމު ލީޑަރުންނާއި ސިޔާސީ ވެރިން މި ފިލްމުގައި ވީއެފްއެކްސްގެ އެހީގައި ފެނިގެން ދާނެއެވެ.

މި ފިލްމުގެ ނަމަކަށް "ލާލް ސިންގްހް ޗައްޑާ" ކިޔުމަށް ވަނީ ހަމަޖެހިފައެވެ. އަދި ޕެރަމައުންޓް ޕިކްޗާރސް އިން މިހާރު ވަނީ މި ފިލްމު ހެދުމަށް ރައިޓްސް ވެސް ހޯދަފައެވެ. މި ފިލްމު ޑައިރެކްޓް ކުރުމަށް ހަމަޖެހިފައިވަނީ އަޑްވައިޓް ޗަންދަންއެވެ. ފިލްމު ޕްރޮޑިއުސް ކުރަނީ ވިއަކޮމް 18 އާއި އާމިރް ޚާން ޕްރޮޑަކްޝަންސްއިންނެވެ.

މި ފިލްމުގައި އާމިރް ޚާންގެ އިތުރުން ކަރީނާ ކަޕޫރް ޚާން ފެނިގެންދާނެއެވެ. މި ފިލްމައްޓަކައި އާމިރް ޚާންގެ ހަށިގަނޑަށް ބޮޑެތި ބަދަލު ތަކެއް ގެންނަން ޖެހެއެވެ. އެގޮތުން 20 ކިލޯ ލުއި ކުރަން ޖެހެއެވެ.

ފިލްމު ރިލީސް ކުރަން ހަމަ ޖެހިފައިވަނީ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ.