"ދޯސްތާނާ 2" ގެ ޝޫޓިން ފަށައިފި

ކާތިކް އާރިޔަން އާއި ޖާންވީ ކަޕޫރު ލީޑް ރޯލު ކުޅޭ ފިލްމް "ދޯސްތާނާ 2" ގެ ޝޫޓިންގް ފަށައިފިއެވެ. މި ފިލްމަކީ ކަރަން ޖޯހަރް ޕްރޮޑިއުސްކޮށް 2008 ވަނަ އަހަރު ގެނެސްދިން ކާމިޔާބު ފިލްމް "ދޯސްތާނާ" ގެ ދެވަނަ ބައެވެ.

ފިލްމްގެ ޝޫޓިން ފެށުނުކަން ހާމަކުރުމުގެ ގޮތުން އެކްޓަރު ކާތިކް ވަނީ ފިލްމްގެ ކެލްޕްބޯޑް ހިފައިގެން ހުރެ ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ. ފޮޓޯ ހިއްސާކޮށް ކުރި ޕޯސްޓްގައި ކާތިކް ވަނީ ކަރަން ޖޯހަރް އާއި އެކްޓްރެސް ޖާންވީ ކަޕޫރާއި "ދޯސްތާނާ 2" ޑައިރެކްޓްކުރާ ކޮލިން ޑިކަންހާ ޓެގްކޮށްފައެވެ.

ދެހާސް އަށްވަނަ އަހަރު ރިލީޒްކުރި ފިލްމް "ދޯސްތާނާ" ޑައިރެކްޓްކޮށްފައިވަނީ ތަރުން މަންސުކާނީ އެވެ. އެ ފިލްމްގެ ލީޑް ރޯލު ކުޅުނީ ޕްރިޔަންކާ ޗޯޕްރާ އާއި އަބީޝެކް ބައްޗަން އަދި ޖޯން އަބްރަހަމްއެވެ.

ފިލްމް "ދޯސްތާނާ 2" ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުއެވެ.