ބަތަލާ ޕަރްނީތި ރާއްޖޭގައި

ބޮލީވުޑްގެ ބަތަލާ ޕަރްނީތި ޗޯޕްރާ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފިއެވެ.

އުމުރުން 31 އަހަރުގެ ބަތަލާ ވަނީ، ގިލި ލަންކަންފުށިީގައި ޗުއްޓީ ހޭދަކުރަމުން ނަގާފައިވާ ފޮޓޯތަކެއް، ބުރާސްފަތި ދުވަހު ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.

ގިލި ލަންކަންފުށި ޓެގްކޮށް ޕަރްނީތި ކުރި ޕޯސްޓެއްގައި ބުނީ ގެއާއި ދުރުގައި ހުރި ނަމަވެސް ކުރެވެނީ ހަމަ ގޭގެ އިހުސާސް ކަމަށެވެ. ޕަރްނީތި ވަނީ ރިސޯޓުގެ ޝޭފް ޓެގްކޮށް ޝެފްގެ ކެއްކުމަށްވެސް ތައުރީފުކޮށްފައެވެ. އަދި ރިސޯޓުގެ ހުރިހާ އެންމެންނަށްވެސް ޕަރްނީތި ވަނީ ޝުކުރު އަދާކޮށްފައެވެ.

ބަތަލާ ޕަރްނީތި ވަނީ މީގެ ކުރިންވެސް ރާއްޖެ ޒިޔާރަތްކޮށް ޗުއްޓީ ހޭދަކޮށްފައެވެ.

ޕަރްނީތި މިހާރުވެސް ދަނީ އޭނާގެ ކުރިއަށް ހުރި ފިލްްމްތަކަށް ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި ފިލްމް "ސައިނާ" އަދި "ދަ ގާލް އޮން ދަ ޓްރެއިން" ހިމެނެއެވެ.