ޕަރްނީތީއަކީ ކުޅަދާނަ އެކްޓްރެސް އެއް: އަމޯލް

އިންޑިއާގެ މަޝްހޫރު ބެޑްމިންޓަން ކުޅުންތެރިޔާ ސައިނާ ނެހްވާލްގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމް "ސައިނާ" ގައި، ސައިނާގެ ރޯލު ކުޅޭ އެކްޓްރެސް ޕަރްނީތީ ޗޯޕްރާއަކީ ކުޅަދާނަ އެކްޓްރެސް އެއް ކަމަށް އެ ފިލްމްގެ ޑައިރެކްޓަރު އަދި ސްކްރީން ރައިޓަރު އަމޯލް ގުޕްތޭ ބުނެފިއެވެ.

ފިލްމް "ތާރޭ ޒަމީން ޕަރް" ގެ ވާހަކަ ލިޔުނު އަމޯލް ގުޕްތޭ ބުނީ، ސައިނާގެ ރޯލަށް އެކްޓްރެސް ޕަރްނީތީއަށްވުރެ ވަކި ކުޅަދާނަ އެކްޓްރެސްއަކު ލިބޭނެހެން ހީނުވާ ކަމަށެވެ.

އަމޯލް ބުނީ ފިލްމް "ސައިނާ" ގެ މަސައްކަތް ފެބްރުއަރީއަށް ނިންމާލެވޭނެ ކަމަށެވެ.

"ހުރިހާ ކަމެއްވެސް ދަނީ ރަނގަޅަށް. ފިލްމްގެ ޝޫޓިން ގާތްގަނޑަކަށް ވަނީ ނިމިފަ. ސޫޓިން ގެ 98 އިންސައްތަ ވަނީ ނިމިފަ" އަމޯލް ބުންޏެވެ.

ފިލްމް "ސައިނާ" ގައި ސައިނާގެ ރޯލަށް ފުރަތަމަ ހަމަޖެއްސީ އެކްޓްރެސް ޝްރައްދާ ކަޕޫރެވެ. 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ޝްރައްދާ ވަނީ ފިލްމްގެ ޝޫޓިންވެސް ފަށާފައެވެ. ނަމަވެސް ބިޒީވެގެން ވަގުތު ނުދެވުމުން ޝްރައްދާ ވަނީ އެ ފިލްމް ދޫކޮށްލާފައެވެ.