"އެނޮލާ ހޯލމްސް" އިން ފެނިގެންދާނެ ތަރިންތައް

"އެނޮލާ ހޯމްސް" ގައި ހެންރީ ކެވިލް ޝާލޮކް ހޯމްސް ގެ ރޯލަށް

އިނގިރޭސި ވިލާތުގެ ފިލްމީ ތަރި ހެންރީ ކެވިލް އެންމެ މަޝްހޫރުވެގެން ދިޔައީ ޑީސީގެ ސުޕަމޭންގެ ރޯލުންނެވެ. ހޮލީވުޑް ރިޕޯޓްތައް ބުނާ ގޮތުން ހެންރީ ކެވިލް ވަނީ "އެނޮލާ ހޯމްސް" ގެ ކާސްޓާއި ގުޅިފައެވެ.

ޝާލޮކް ހޯމްސް އޭ ބުނުމުން ނޭނގޭނީ ވަރަށް މަދު ބަޔަކަށެވެ. ނަމަވެސް މި ފިލްމަކީ ޝާލޮކް ހޯމްސްއަށް ބިނާކޮށްފައިވާ ވާހަކައެއް ނޫނެވެ. މިއީ ޝާލޮކް އާއި މައިކްރޮފްޓް ހޯމްސް ގެ ކުޑަ އަންހެން ކޮއްކޮ އެނޮލާ ހޯމްސް ގެ ވާހަކަ ދައްކުވައިދޭ ފިލްމެކެވެ.

އުމުރުން 14 އަހަރުގެ އެނޮލާ ގެ ރޯލު އަދާކުރަން ހަމަޖެހިފައި ވަނީ "ސްޓްރޭންޖާ ތިންގްސް" އިން މަޝްހޫރުވި މިލީ ބޮބީ ބްރައުންއެވެ.

ހެންރީ ކެވިލް އެންމެ ފަހުން ސިނަމާތަކުން ފެނިގެން ދިޔައީ މިދިޔަ އަހަރު ނުކުތް "މިޝަން އިމްޕޮސިބަލް: ފޯލް އައުޓް” އިންނެވެ. 2017 ވަނަ އަހަރުގެ "ޖަސްޓިސް ލީގް" ގައި ސުޕަމޭންގެ ރޯލުން ފެނުނު ކަމުގައި ވިޔަސް އެ ފިލްމުގެ ނަކާމިޔާބީއަށްފަހު ދެން އެ ރޯލުން ފެނިގެން ދާނެކަމެއް އަދި ނޭނގެއެވެ. "އެނޮލާ ހޯމްސް" ގައި ހެންރީ އާއި މިލީ ގެ އިތުރުން ހޯމްސް ތިންބެއިންގެ މަންމަގެ ރޯލު އަދާ ކުރަން ހަމަޖެހިފައިވަނީ ހެލީނާ ބޮންހަމް ކާޓާއެވެ.

މި ފިލްމަކީ އެމެރިކާގެ ލިޔުންތެރިޔާ ނޭންސީ ސްޕްރިންގާ ލިޔެފައިވާ "ދަ އެނޮލާ ހޯމްސް މިސަޓްރީސް" ފޮތަށް ބިނަކޮސްފައި ގެނެސްދޭ ފިލްމެކެވެ. ފިލްމުގެ ސްކްރިޕްޓް ލިޔެފައިވަނީ އިނގިރޭސި ވިލާތުގެ މަޝްހޫރު ޖެކް ތޯރންއެވެ. އަދި ފިލްމް ޑައިރެކްޓް ކުރަނީ ހެރީ ބްރެޑް ބިއާރ އެވެ.