ސަލްމާން ޚާން - ފޮޓޯ ސަލްމާން ޚާން ފޭސްބުކް

ސަލްމާން ޚާންގެ ސެކިއުރިޓީ ވަރުގަދަކޮށްފި

ބޮލީވުޑްގެ އެކްޓަރު ސަލްމާން ޚާނަށް ދިން މަރުގެ އިންޒާރާއެކު، އޭނާގެ ސެކިއުރިޓީ ވަރުގަދަކޮށްފިއެވެ.

ބޮލީވުޑްގެ ރިޕޯޓްތައް ބުނާ ގޮތުން، ސަލްމާން ޚާނާއި އޭނާގެ ބައްޕަ ސަލީމް ޚާނަށްވެސް ބަޔަކު ވަނީ މަރުގެ އިންޒާރުދީފައެވެ. މަރުގެ އިންޒާރު ދީފައިވަނީ މިދިޔަ އާދިއްތަ ދުވަހު ހެނދުނު، ކާކުކަން ނޭނގޭ މީހަކު ފޮނުވި ސިޓީއެއްގައެވެ. އިންޑިއާގެ ފުލުހުން ބުނާ ގޮތުގައި، ސިޓީ އޮތީ ސަލީމް ޚާން ހިނގަން ނިކުމެ އުޅޭ ސަރަހައްދުގައި ހުރި ބެންޗެއްގެ މަތީގައެވެ.

އިންޑިއާގެ ޕަންޖާބުގެ ރެޕާ، ސީދޫއަށް ކޮށްލިވަރު، ސަލްމާން ޚާނާއި ސަލީމް ޚާނަށް ކޮށްލާނެ ކަމަށް އެ ސިޓީގައި އިންޒާރުދީފައިވެއެވެ. ސީދޫ މަރުވީ ބަޔަކު ދިން ބަޑީގެ ހަމަލާތަކެއްގައެވެ.

މީގެ ކުރިންވެސް، ސަލްމާން ޚާނަށް މަރުގެ އިންޒާރު ދީފައިވެއެވެ. އެގޮތުން 2018 ވަނަ އަހަރުގެ ތެރޭގައި ބަޔަކު ވަނީ ސަލްމާނަށް މަރުގެ އިންޒާރުދީފައެވެ.