"ޓޮމް އެންޑް ޖެރީ" ގެ ލައިވް އެކްޝަން ރިލީޒްކުރުން އަވަސްކޮށްފި

އެމެރިކާގެ ޑައިރެކްޓަރު ޓިމް ސްޓޯރީ ޑައިރެކްޓްކޮށް އުފައްދާ "ޓޮމް އެންޑް ޖެރީ" ގެ ލައިވް-އެކްޝަން ކޮމެޑީ ރިލީޒްކުރާ ތާރީހު އަވަސްކޮށްފިއެވެ. ކުރިން 2021 ވަނަ އަހަރުގެ އެޕްރީލް މަހު ރިލީޒްކުރަން ހަމަޖެއްސި ފިލްމް، މިހާރު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

"ޓޮމް އެންޑް ޖެރީ" އަކީ ގިނަ ބަޔެއްގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ ކްލާސިކް ކާޓޫނެކެވެ. މިހާތަނަށް ގެނެސްދީފައިވާ "ޓޮމް އެންޑް ޖެރީ" ގެ ކާޓޫންގައިވާ ގޮތަށް، ލައިވް-އެކްޝަންގައިވެސް "ޓޮމް" އާއި "ޖެރީ" ގެ މެދުގައި ހިނގާ ހަމަނުޖެހުންތައް ފެނިގެންދާނެއެވެ.

ރިޕޯޓްތައް ބުނާ ގޮތުން، ލައިވް-އެކްޝަންގައި ފެނިގެންދާނީ "ޓޮމް" އާއި "ޖެރީ" އުޅެމުންދިޔަ ގެއިން ނެރުމުން، "ޓޮމް" އާއި "ޖެރީ" ނިއުޔޯކް ގެ ހޮޓަލަކަށް ވަނުމުން ހިނގާ ކަންތައްތަކެކެވެ.

މި ފިލްމްގެ ކާސްޓުންގެ ތެރޭގައި ކެން ޖިއޯންގް، ޖޯޑަން ބޯލްގާ އަދި ޕައްލަވީ ޝާރްދާ ހިމެނެއެވެ.