ކައިވެންޏާއި ގުޅޭ ގޮތުން ދެކެވޭ ވާހަކަތަކަށް ޝްރައްދާގެ ޖަވާބު

ބަތަލާ ޝްރައްދާ ކަޕޫރަކީ މި ވަގުތު ބޮލީވުޑްގައި ހުރި އެންމެ ބިޒީ އެއް ބަތަލާއެވެ. މިހާރުވެސް ގިނަ ފިލްމްތަކެއްގައި މަސައްކަތް ކުރަމުން އަންނަ ޝްރައްދާ ކައިވެނިކުރަން އުޅޭ ކަމަށް އަޑުފެތުރިފައިވާއިރު، އެކަމަށް ޝްރައްދާ މި ވަނީ ޖަވާބު ދީފައެވެ.

ޝްރައްދާ ކަޕޫރާއި މަޝްހޫރު ފޮޓޯގްރާފަރު ރޯހަން ޝްރެސްތާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް އަޑުފެތުރިފައި އޮންނަތާ ދުވަސްތަކެއްވެއްޖެއެވެ. މިހާރު އަޑު ފެތުރިފައިވަނީ ދެ މީހުން ވަރަށް އަވަހަށް ކައިވެނި ކުރަން އުޅޭ ކަމުގެ އަޑުތަކެވެ.

ބޮމްބޭ ޓައިމްސް އަށް ދިން އިންޓަވިއުއެއްގައި ޝްރައްދާ ބުނީ މިވަގުތު އޭނާ ވިސްނަނީ ހަމައެކަނި ފިލްމީ މަސައްކަތްތަކަށް އެކަނި ކަމަށާއި އިތުރު ކަމަކާމެދު ނުވިސްނާ ކަމަށެވެ. އަދި ފެތުރެމުންދާ ވާހަކަތަކަކީ ހަމައެކަނި އަޑުތަކެއް ކަމަށްވެސް ޝްރައްދާ ބުންޏެވެ.

މިދިޔަ އަހަރަކީވެސް ޝްރައްދާއަށް ބުރަ އަހަރެކެވެ. މިދިޔަ އަހަރު ޝްރައްދާ ފެނިގެންދިޔަ ފިލްމް "ޝާހޯ" އާއި "ޗިޗޯރޭ" އަކީ ކާމިޔާބު ދެ ފިލްމެވެ. މިއަހަރު ޝްރައްދާގެ ކުރިއަށް ހުރި ފިލްމްތަކުގެ ތެރޭގައި "ސްޓްރީޓް ޑާންސާ 3ޑީ" އާއި "ބާގީ 3" ހިމެނެއެވެ.