"ކެޓްސް" ޓްރެއިލާ އިން

"ކެޓްސް" ގެ ފުރަތަމަ ޓްރެއިލާ ނެރެފި

މިއުސިކަލްއެއް ކަމަށްވާ "ކެޓްސް" ގެ ފުރަތަމަ ޓްރެއިލާ ނެރުނީ މިހާރު ކުރިއަށްދާ ސެން ޑިއޭގޯ ކޮމިކް ކޮންގައެވެ. މި ފިލްމަކީ ގިނަ އަދަދެއްގެ މޮޅު ފަންނާނުން އެކުލެވިގެންވާ ކެޓްސް މިއުސިކަލްގެ ލައިވް އެކްޝަން ރީމޭކް އެކެވެ. މި ފިލްމު ޑައިރެކްޓްކޮށްފައިވަނީ ޓޮމް ހޫޕާއެވެ.

މި ފިލްމުން ފެނިގެންދާ ތަރިންގެ ތެރޭގައި، ޖޫޑީ ޑެންޗް. ޖޭމްސް ކޯޑެން، ޖެނިފަރ ހަޑްސަން، ރެބެލް ވިލްސަން އާއި އިޑްރީސް އަލްބާ ހިމެނެއެވެ. އަދި މިއީ އެމެރިކާގެ މަޝްހޫރު ލަވަ ކިޔުންތެރިޔާ ޓެއިލާރ ސްވިފްޓް ފެނިގެންދާނެ އެންމެ ފުރަތަމަ ފިލްމުވެސް މެއެވެ.

ފިލްމުގެ ޑައިރެކްޓަރު މަޝްހޫރުވެފައިވަނީ އޮސްކާ އެވޯޑް ލިބިފައިވާ "ދަ ކިންގްސް ސްޕީޗް" ގެ ޑައިރެކްޝަން އިންނެވެ. މިއީ ހޫޕާގެ ދެވަނަ މިއުސިކަލްއެވެ. "ލެސް މިސަރަބަލްސް" އަކީ ހޫޕާ ޑައިރެކްޓް ކުރި، އެތައް މަޝްހޫރު ފަންނާނުންނެއް ފެނިގެންދިޔަ ވަރަށް ކާމިޔާބު މިއުސިކަލްއެކެވެ.

"ކެޓްސް" އަކީ މިނަން ކިޔާ މިއުސިކަލް އަކަށް ބިނާކޮށްފައިވާ ފިލްމެކެވެ. މި މިއުސިކަލް އަކީ ކުރީގެ ޝާއިރެއް ކަމަށްވާ ޓީއެސް އެލިއޮޓްގެ "ޕޮސޮމްސް ބުކް އޮފް ޕްރެކްޓިކަލް ކެޓްސް" އިން ހިޔާލު ހޯދައިގެން ލިޔެފައިވާ މިއުސިކަލްއެކެވެ.

ކެޓްސް ރިލީޒް ކުރަން ހަމަޖެހިފާވަނީ ޑިސެމްބަރު 20 ވަނަ ދުވަހުއެވެ.